ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބުވެސް އެނބުރޭ ގޮތަށޭ މުސްކުޅިން ބުނެއެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބުވެސް އެނބުރޭ ގޮތަށޭ މުސްކުޅިން ބުނެއެވެ.
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖެނުއަރީ 2025
މާލެ ސިޓީ

އޮފީހުގައި އިނދެފައި ފޭސްބުކް ހުޅުވާލީ ރާއްޖޭގެ މަސްރަހުގައި ހިނގާ ބައެއް ކަންކަން ނިކަން ފޯރިއާ އެކު ރައްޔިތުން ހިއްސާކުރަމުންދާ އެ ޕްލެޓް ފޯމަކީ އެއީ ކަަމށްވެް ވުމުންނާ އެކުއެވެ.

ހުޅުވާލިއިރު އަސްތާ ކަމަކު ދާކަށް ނެތެވެ. ހޯމް މިނިސްޓްރީއިން އިސްނަގައިގެން ޑިޕާޓުމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންއަށް ނޫސްވެރިންނަށް ދައުވަތު ދީގެން ގެންގޮސް ޕިއްޒާ ކާން ދެނީއެވެ. ޕިއްޒާ ކާން ދިނުން ގަނޑު ނަމަވެސް ދިޔައީ އެ ނޫސްވެރިންނަށް ރަހަ މީރު ނަމަވެސް ޑީއެންއާރުގެ ވެރިންނަށާ އެތަނުގައި މީޑިޔާއާ އެވަގުތު ހަވާލުވެ ހުންނެވި ކަމަނާ އަށްވެސް އެހާ ރަހަ މީރުކޮށް ނޫނޭ ދަންނަވަން ޖެހެއެވެ.

ކޮންމެ އަކަސް ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޑީއެންއާރުގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމުތަކެއް ފުރިކަމަށް ރައްޔިތުން ބުނާ މައްސަލަތަކެއް ފެންމަތިވެ ހޫނުވެފައިވެސް ވަނިކޮށް ނިކަން މޮޅު ޑްރާމާއެއް ކުޅޭ ނަމޭ ހިތާ ހޯމް މިނިސްޓްރީގެ ވެރިންނާ އަދި ޑިއެއާރުގެ ވެރިންވެސް ކުޅެން ފެށި ޑްރާމާ އަތަށް ގޮވާ މުޅި ގައުމުގައި އޮތީ އެ ވާހަކައެވެ.

ކަންވީ ގޮތުގެ ތަފްސީލަށް ބަލާއިރު، ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީއާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓު މަޖީދުވަނީ ޑީއެންއާރުން ވަކި ސިޔާސީ ޕާޓީއަކަށް ޑީއެންއާރުގެ މީޓިން ރޫމު ސިޔާސީ މަސައްކަތް ކުރަން ދީފައިވާ ކަމަށާ އެއީ ކިހިނެއް ހިނގި ކަމެއްތޯ ސުވާލުކުރުމުން އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ނުދެއްވާފައެވެ. އަދި އެތަނަށް އެ ބޭފުޅުން ވަޑައިގެންނެވީ ޕިއްޒާކާން ކަމަށާ އެނޫން ފޮޓޮއެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ނޫސވްެރިން ވަނީ ފޯމު ފުރުމުގެ މަސައްކަތުގައި އާލީ އާ މަޖީދުވެސް ބައިވެރިވި މަންޒަރު ދައްކުވައިދޭ ފޮޓޯތައް އެ ނޫސްވެރިންގެ ފޯނުން އެ ވެރިންނަށް ދައްކާ އެއީ ޕިއްޒާ ކެއުންތޯ ސުވާލުކުރައްވާފައެވެ.

ނޫސްވެރިންގެ ސުވާލުތައް ގިނަވެ ޖަވާބު ނުދެވޭ ދަރަޖައަށް ދިއުމުން މަޖީދުވަނީ އަމިއްލައަށް މެޑަލް ޖަހަން އެ ބޭފުޅުން ފެއްޓެވި ނިއުސް ބްރީފިންގެ މައިދާން ދޫކުރައްވާ ފިއްލަވާފައެވެ. މަޖީދުގެ ފަހަތުން އާލީވެސް ޑީއެންއާރުގެ އެތެރެއަސް ދެމިވަޑައިގެންނެވިއެވެ. ނަމަވެސް އާލީގެ ފަހަތުން ނޫސްވެރިން ޑިއެންއާރުގެ ތެރެއަށް ވަނުމުން އާލީގެ ދިފާއުގައި ހޯމް މިނިސްޓްރީގެ މީޑިޔާ ކަންކަމުގައި އުޅުއްވާ، ކުރީގެ ނޫސްވެރިޔާ އަދި ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ރިފާތު ނުކުމެވަޑައިގެން ނޫސްވެރިންނަށް ހުރަސް އެޅުއްވިއެވެ.

އެއާއެކު މުޅި މާހައުލު އިތުރަށް ހޫނުވެގެން ދިޔައެވެ. ނޫސްވެރިކަން ކޮށްފައި ނުކުމެވަޑައިގެން މިއަދު ސަރުކާރުގެ ސިޔާސީ ވަޒީފާއެއްގައި ހުންނަވާ ނޫސްވެރިންނަށް އެހެން ހުރަސް ނޭޅުމަށް ނޫސްވެރިން ރިފާތުއަށް އެދުނުވެސް މެއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ނޫސްވެރިންނާ ރިފާތުގެ ކުރިމަތިލުމެވެ. ކޮންމެ އަކަސް އިއްޔެގެ ޕިއްޒާ ކެއުން ގަނޑު ކުރިއަށް ދިޔައިރު ޕޮޕްކޯން ހިފައިގެން އެ މަންޒަރު ބަލަން އިން މީހެއްގެ ހައިސިއްޔަތުން އަޅުގަޑު ހިތަށް އެރީ އެންމެ ވާހަކައެކެވެ. ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބުވެސް އެނބުރޭ ގޮތަށެވެ.

އެހެނީ އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ވެސް ކަންކަމުން ރެކި ވަޑައިގަންނަވަން ނުހަނު ހުށިޔާރުކަމާ އެކު މޫނުފުޅަށް ރުލެއްވެސް އަރުއްވާ ނުލައްވާ އިތުރުފުޅު ހައްދަވާ ބޭފުޅެއްކަމަށް ބުނެ ކިޔާ އަޑު އިވޭއިރު އެމަނިކުފާނުގެ ސަރުކާރުގެ އެހެން ބޭފުޅުންވެސް އެ ފޮތުން ކިޔަވާނެކަން ޔަގީން ވާތީއެވެ. އަހިވަކާ ޖެހި އަހިވަށް ފާ ވާނެ ވާހަކައާ ވަގުންގެ ފޮށި ބާރަށް ބަންނާނެ ވާހައަކީ މުސްކުޅިން ބުނެ އުޅޭ ވާހަކަތައް ވިއްޔާއެވެ.

ކުދިންވެސް މައިން ބަފައިންގެ ކިބައިން ރަަގޅު ނަމޫނާއަށް ވުރެ ހަލުވި ކޮށްނަގަނީ ނުރަގަޅު ނަމުނާ ވިއްޔާއެވެ. މިއީ ވެސް އެކަހަލަ ކަމެކެވެ. ނަމަވެސް އިއްޔެ ނޫސްވެރިން ދެއްކީ ވަގަކަށް ހާސް ދުވަސް ވެރިއަކަށް އެއް ދުވަސްކަމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved