

ޔަމަނުގެ ހަތިޔާރުއެޅި ޖަމާއަތްހުތީންނަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވައިފި އެވެ.
ޓްރަމްޕް އެންމެ ފުރަަތަމަ ވެރިކަމުގައި ހުންނެވި އިރު ދައުރު ނިމުމަކާ ގާތްވެފައި ވަނިކޮށް ވެސް 2021 ވަނަ އަހަރު ވަނީ ހޫތީންނަކީ ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު ޖޯ ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ނިންމެވުން އުވައިލެއްވީ އެވެ.
ނަަމަވެސް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ޓްރަމްޕް ސޮއިކުރެއްވި ގަރާރުގައި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް އަންގާފައިވަނީ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސާއި ޓްރެޝަރީގެ ސެކްރެޓަރީއާ މަޝްވަރާކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި އެ ކަމާ ގުޅޭ ރިޕޯޓެއް ހުށަހެޅުމަށެވެ.
އެއަށް ފަހު ރޫބިއޯއަށް ލިބޭނީ އަންސާރު اللهގެ ނަމުން ވެސް މަޝްހޫރު އެ ޖަމާއަތަށް ކަނޑައެޅުމާ ގުޅޭ ގޮތުން "އެކަށީގެންވާ ހުރިހާ ފިޔަވަޅެއް އެޅުމަށް" 15 ދުވަސް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
ޓްރަމްޕްގެ އަމުރު ނެރުނީ ގާޒާގައި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން ހޫތީން އަތުލައިގެން ގެލެކްސީ ލީޑާ ކާގޯ އުޅަނދުގެ ފަޅުވެރިން ދޫކޮށްލިކަން ހޫތީން އިއުލާންކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.
ސަހްޔޫނީންގެ ތާރީހުގައި ވެސް ހަމާސް ޖަމާއަތުން ދިން އެންމެ ނުރައްކާތެރި ހަމަލާއާ ގުޅުވައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ގެންދަނީ ރަތްކަނޑުން ދަތުރުކުރާ، ސަހްޔޫނީންނާއި ގުޅުން އޮންނަ އުޅަނދުތަކަށް ހަމަލާ ދެމުންނެވެ. މިއީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެން، ފަލަސްތީނާ އެއްބައިވުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށް ހޫތީން އަންނަނީ ބުނަމުންނެވެ.
ނަމަވެސް ހޫތީން އިއްޔެ ބުނީ ފަލަސްތީނުގެ ގާޒާގައި ހަމަލާތައް މެދުކަނޑާލާފައި އޮންނަ ވަގުތު ރަތް ކަނޑުގައި އުޅަނދުތަކަށް ހަމަލާ ދިނުން ކޮންޓްރޯލްކުރާނެ ކަމަށެވެ.
ރަތް ކަނޑުއަދި ގަލްފް އޮފް އަދަންގައި ހަމަލާތައް އަމާޒުކުރި އުޅަނދުތަކުގެ ތެރޭގައި ސަހްޔޫނީ، އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅުން ހުރި ކަމަށް ހަނގުރާމަވެރިން ގަބޫލުކުރާ އުޅަނދުތައް ހިމެނެ އެވެ. އެ މީހުންގެ ކެމްޕެއިންގެ ސަބަބުން ވިޔަފާރީގެ މަގުތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާއިރު، އެމެރިކާ އާއި އެގައުމުގެ ބައިވެރިން ވަނީ ޔަމަނުގެ ހޫތީންގެ ސަރަހައްދުތަކަށް ވެސް ހަމަލާދީފަ އެވެ.
ހޫތީ އޮފިޝަލް ބުނީ ސަހްޔޫނީންނާއި ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރިހާ މަރުހަލާއަކަށް އަމަލުކޮށް ނިމުމުން، ސަހްޔޫނީންނާއި ގުޅުން ހުރި އުޅަނދުތަކަށް ދޭ ހަމަލާތައް ވެސް ހުއްޓާލާނެ ކަމަށެވެ.