ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މީހުންގެ ޣައިރު ހާޒިރުގައި ސޮއި ފޯޖްކޮށްގެން ޕާޓީއަށް ފޯމް ފުރާކަން ހާމަވެފައި އޮއްވާ މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ، ސަރުކާރު ހިންގާ ޕީއެންސީކަން ކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ދަފްތަރުން ދައްކައިފި އެވެ.
މެމްބާޝިޕް ވަގު ފޯމުގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބިފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމައި އެ ކޮމިޝަންގެ ވެބްސައިޓުގައި ޕާޓީތަކުގައި މިހާރު މެންބަރުން ތިބި އަދަދުތައް ހާމަކޮށްފަ އެވެ.
އީސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، 50،000އަށްވުރެ ގިނަ މެންބަރުންނާ އެކު މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގައި މިހާރު ތިބި މެންބަރުންގެ އަދަދުވަނީ 43،000އަށް ދަށްވެފައެވެ. ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު:
ޖުމްހޫރީ ޕާޓީ: 13،826 - މީގެ ކުރިން ތިބީ 17،300 މެންބަރުން
އެމްޑީއޭ: 9،210 - މީގެ ކުރިން ތިބީ 8،200 މެންބަރުން
އެމްއެންޕީ: 6،050 - މީގެ ކުރިން ތިބީ 7،519 މެންބަރުން
ޑިމޮކްރެޓްސް: 3،667 - މީގެ ކުރިން ތިބީ 4،300 މެންބަރުން
އެމްޓީޑީ: 2،359 - މީގެ ކުރިން ތިބީ 3،100 މެންބަރުން
ޕީއެންއެފް: 2،822
އީސީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމްއާރުއެމްގައި ތިބީ 1،867 މެންބަރުންނެވެ. އެ ޕާޓީ އުވައިލުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށް އީސީން ވަނީ ބުނެފައެވެ.
އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވެފައިވާއިރު، ވަގު ފޯމު ފުރައިގެން މެންބަރުން ވެއްދުމުގެ ތުހުމަތުތަކެއް ވެސް އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެފަދަ ފޯމުތަކެއް ހުށަހެޅުނު ކަމަށް އެ ޕާޓީން ވެސް އެއްބަސްވިއިރު، އެ މައްސަލަ އީސީ އާއި ފުލުހުން އަންނަނީ ބަލަމުންނެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މި ފަހުން ވެސް ފެންމަތިވިއިރު، އެއީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ސަރުކާރު ހިންގާ ޕީއެންސީއަށް ތުހުމަތުކުރެވޭއިރު، އެހެން ބައެއް ޕާޓީތަކުންނާއި ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އެ ކަން ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.