

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީން ވަގު ފޯމު ހުށަހެޅި މައްސަލަ ބޮޑުވުމުގެ ސަބަބުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ދަފުތަރު ރަނގަޅުތޯ ބެލުމަށް، ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން އީސީން ހުޅުވާލައިފި އެވެ.
ޕާޓީތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޑިސެންބަރު 31، 2024 އާ ހަމައަށް ދަފުތަރުގައިވާ އެންމެންގެ ނަންތަކުގެ ލިސްޓެއް އިއުލާންކޮށްފައެވެ.
އިއުލާނުކޮށްފައިވާ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަނޑިއަކީ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އަށެވެ. އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެކަންވެސް މައުލޫމާތު ލިބެއެވެ.
ޕާޓީއެއްގެ ރަޖިސްޓަރީގައި އޮތްތޯ ބަލާނެ ގޮތަކީ PPR ޖެހުމަށް ފަހު ހުސް ޖާގައެއް ދިނުމަށް ފަހު އައިޑީ ކާޑު ނަންބަރު ޖަހާފައި، 1414 އަށް މެސެޖު ކޮށްލާނީ އެވެ. އޭރުން ޕާޓީއެއްގައި އޮތް ނަމަ އޮތްކަން އަންގާނެ އެވެ.
ޝަކުވާ ހުށަހަޅަން ޖެހޭނީ މައި އިލެކްޝަން ޕޯޓަލް my.elections.gov.mv ނުވަތަ ޝަކުވާ ޕޯޓަލް ppr.elections.gov.mv މެދުވެރިކޮށެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލިއިރު، ބައެއް މީހުންގެ މައުލޫމާތު ވަގަށް ނަގައިގެން އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ ބޮޑުވެފަ އެވެ. އޭގެ ތުހުމަތު މި ފަހުން އެންމެ ބޮޑަށް އަމާޒު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށެވެ.
މިވަގުތު މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެސް ޕީއެންސީ އެވެ. އީސީން އިއްޔެ އާއްމުކުރި ނަމްބަރުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.