
ނިމިދިޔަ ކައުންސިލް އިންތިހާބާ، އ.ތ.ކގެ އިންތިހާބުގެ އިތުރުން ހަމަ އެދުވަހު ނެގި ރެފަރަންޑަމް ވޯޓުންވެސް ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުތާ މަހެއް ނުވަނީސް، އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު އިސްތިއުފާ ދީފިއެވެ.
އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދުއާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޒާހިދު އިސްތިއުފާދިނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ހަމައެހެންމެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒާހިދު އިސްތިއުފާ ދެއްވިއިރު، އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ފަރާތުން ދިޔައީ ވަރަށް ބޮޑެތި ނުފޫޒު ފޯރުވަމުންނެވެ.
ޒާހިދު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް މިހާތަނަށް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ޒާހިދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒާހިދު އިސްތިއުފާ ދިނީ ސަރުކާރުން ކުރިމަތި ކުރުވަމުން ދިޔަ ޕްރެޝަރގައި، ކޮމިޝަނުގައި މަސައްކަތް ކުރަން ބޭނުން ނުވެގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުން އެންމެ ޕްރެޝަރ ކުރިމަތި ކުރުވަމުން ދަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އެޅުމުގައެވެ. މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރުން ބަލިވުމުން ވެސް ޕްރެޝަރުތަކެއް ކުރިމަތިވި ކަމަށްވެސް ވެއެވެ.
ޒާހިދު އިސްތިއުފާ ދިނީ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގެ އިތުރުން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ވެސްމެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މަގާމުން އިސްތިއުފާ ދޭން ބޭނުން ނަމަ އެކަން ސިޓީއަކުން ހުށަހަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެއީ މި ސަރުކާރުން ގާނޫނަށް ގެނައި އިސްލާހެކެވެ.










