ގައުމީ އެއަރލައިން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސް (އައިއޭއެސް) ގެ ބޯޑުގެ ޗެއާމަން ކަމަށް އަހުމަދު ޝަފިއު އައްޔަންކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އައިއޭސްގެ ޗެއާމަންކަން ކުރެއްވި ޝަފީއު، އައިއެސްއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވާކަން މިއަދު އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭނާ އަށް މަރުހަބާ ވެސް ދަންނަވާފައިވެ އެވެ.
ޝަފީއު މީގެކުރިންވެސް ވަނީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރައްވާފަ އެވެ. އެގޮތުން 2014 އިން 2018އަށް އެ މަޤާމުވަނީ ފުރުއްވާފަ އެވެ.
އަހުމަދު ޝަފިއުއަކީ ސަރުކާރުގެ އެކި މަޤާމުތައް މީގެ ކުރިންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީ ދާއިރާގައި އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.
ޝަފީއު އެ މަގާމަށް އައްޔަންކޮށްފައިވާއިރު، އެ މަގާމުގައި ކުރިން ހުންނެވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަން މިދިޔަ ސަރުކާރުގައި ކުރައްވާފައިވާ މުހައްމަދު މިހާދުއެވެ. މިހާދު ބޯޑުން ވަކިކޮށްފައިވަނީ މިދިޔަ އަހަރު އޯގަސްޓު މަހުއެވެ.
އައިލެންޑް އޭވިއޭޝަނަށް އައު ޗެއާމަނެއް އައްޔަންކޮށްފައިވާއިރު އެ ކުންފުނި އޮތީ މާލީ ގޮތުން އުނދަގޫ ހާލަތެއްގަ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގާ އަދި އެންމެ ބޮޑު އަދަދަކުން ދަރާފައިވާ އެއް ކުންފުންޏަކީ އައިލެންޑް އޭވިއޭޝަން އެވެ.