

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައި، އެ ދެމީހުންގެ މައްސަލަ ބަލަންޖެހޭނީ ޖަލުގައި ބައިތިއްބައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ފަޒުލް ރަޝީދަށް ކުރަނީ އެޗްޑީސީގެ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު ކަމަށް ފުލުހުން ބުނެ އެވެ. ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލާގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ވަޒީރުކަން ދެއްވުމުން އެކަން ގަބޫލުނުކޮށް ހުއްޓައި ވަޒީރެއްގެ ފެންވަރުގައި ފަޒުލްއަށް އެޗްޑީސީގެ އެމްޑީކަން ދެއްވިކަމަށެވެ.
ކޮރަޕްޝަން ނައްތާލާނަމޭ ވިދާޅުވެ، ރައީސް މުއިއްޒު އެ ކުރައްވަނީ ކޮން މަސައްކަތެއްތޯ ޔާމީން ވަނީ ސުވާލުއުފައްދަވައިފަ އެވެ. ފަޒުލްއަށް ހެކި ނައްތާލެވުނީ ރައީސް މުއިއްޒު އެކަމަށް ވަގުތު ދެއްވުމުން ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވާފަ އެވެ.
ފެނަކައިގެ މައްސަލަ ނަންގަވައި ރައީސް ޔާމީން ވިދާޅުވީ، މުއާޒުގެ މައްސަލަ ބަލަން ވެސް މި ސަރުކާރަކަށް ނުކެރޭނެ ކަމަށެވެ.
ފަޒުލް ހުންނަންވާނީ ޖަލުގައި. މުއާޒު ހުންނަންވާނީ ޖަލުގައި. [ޖަލުގައި] ހުރެގެން އެކުރާ ތަހުގީގެއް މިހާރު ކުރަންވާނީ. އެއީ ގާނޫނުއަސާސީގަ އެކަން އޮތްގޮތް،
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
މި ސަރުކާރުގެ ހުރިހާ އިދާރާއެއްގައި ވެސް މިވަގުތު އޮތީ ކޮރަޕްޝަން ކަމަށާއި އެ ހުރިހާ ކަމެއް ވެސް ކުރަނީ ރައީސް މުއިއްޒަށް އެނގިވަޑައިގެން ކަމަށް ރައީސް ޔާމީން ވަނީ ތުހުމަތުކުރައްވައިފަ އެވެ. އެމަނިކުފާނު އެކަމާ ދެކޮޅުނަމަ އެއިން ކޮންމެ މީހަކާ ދޭތެރޭ މިހާރު ހުންނަންވާނީ ބޮޑެތި ފިޔަވަޅު އަޅުއްވާފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.