

އިންޑިއާއާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދި އާއި ރައީސް ދުރޯޕަޅީ މުރްމުރް އަށް ސޯޝަލް މީޑިއާގައި ފޮނުއްވި ތަހުނިޔާގެ މެސެޖްގަ އެވެ.
އެ މެސެޖްގައި ރައީސް ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ އިތުބާރާއި އިހުތިރާމާއި އެހީތެރިވުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ. އެކަން ދިވެހިންނާއި ދިވެހި ގައުމު އަބަދު ވެސް ދަންނާނެ ކަމަށެވެ.
މި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ދެ ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް،
އިންޑިއާއާ އެކު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި އިރު، ވެރިކަމުގެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ގޯސްވި އެވެ. ގުޅުމަށް ބުރޫއެރީ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އޭރު ތިއްބެވި ތިން ބޭފުޅަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކެވުމުންނެވެ.
ނަަމަވެސް ފަހުން ހާރިޖީ ގުޅުން ބަދަހިވެ، ރައީސް މުއިއްޒު ވަނީ މިދިޔަ އޮކްޓޯބަރުގައި އިންޑިއާގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެންފަ އެވެ.
އިންޑިއާގެ ނުފޫޒުން ދިވެހި ގައުމު ސަލާމަތްކޮށް އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރަކަށް ރާއްޖޭގައި ނިމުން ގެންނަވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން ނަމަވެސް މިއަދު ރައީސް މުއިއްޒު ގެންދަވަނީ އިންޑިއާ ކުރިމަތީ ކުޑަ ކަކޫ މައްޗަށް ތިރިވަމުންކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.