މީޑިއާ ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ވިދާޅުވެ، މީޑިއާ ރެގިއުލޭޝަނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަށް ރައީސް މުއިއްޒު ސަރުކާރުން ހަވާލުނުވުމުން އަދި އެ ވާހަކަތަކަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބަޔާނެއް ނެރެފި އެވެ.
"ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާއެއްގައި ކަމަށެވެ. މި ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުން ކަމަށާއި ބިލު ފަރުމާކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް ވެސް ބަލައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅުވައި މީޑިއާގައި ރިޕޯޓްކުރުމާ އެކު ސަރުކާރުން މިއަދު ބުނީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ނާޒިމް ދެއްކެވި ވާހަކައަށް ސަރުކާރުގެ އެތެރެއިންނާއި ބޭރުން ލިބުނު ފާޑުކިޔުމާއި ގުޅިގެން ނާޒިމް އެކްސްގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން ދެ މުއައްސަސާއެއް އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން މީޑިއާތަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ.
މީގެ އިތުރުން މިހާރު ސޯޝަލް މީޑިއާގެ އެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، މުނިފޫހިފިލުވުމާއި، އާމްދަނީ ހޯދުމާއި، ޝުއޫރުތައް ފާޅުކުރާ އެންމެ ވަރުގަަދަ ތަނަކީ ސޯޝަލް މީޑިއާއަށް ވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންވެ އެ މަންސަތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަމަށް ހުރިހާ އެންމެން ވެސް އެއްބާސްވާނެކަމަށާއި، އެއީ އެއްވެސް މިންވަރަކަށް އެ ފަދަ މަންސަތައް ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއްކަން ދެެނެގަންނަން އެބަޖެހެއެެވެ. އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދަައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއިހުދުން ލިޔެފައި އޮންނަ ގާނުނުކަމާއި، އަދި މިވަގުުތު އެފަދަ ގާނޫނެއް ދިވެހިރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ،
ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނެއް ހެދުމުގެ ބިލެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ވެސް ބިލެއް ހުށަހެޅުއްވި އެވެ.
އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވާ މެންބަރު ހުށަހެޅުއްވި އެ ބިލު ބޭރުކުރުމަށް މީޑިއާތަކާއި ނޫސްވެރިން ކެމްޕެއިނެއް ފެށުމާއެކު ބިލު އަނބުރާ ގެންދެވި އެވެ. އޭރު މަޖިލީހުގެ ތަޅުމަށް ބިލު ބަލައިނުގަންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޮތީ ވިދާޅުވެފަ އެވެ.