
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އާއި 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ހުށަހަޅައިފިއެވެ.
މިފަދައިން ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ.
ސިޓީގައި ވަނީ ރާއްޖޭގައި 'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ' (ADHD) ތަހައްމަލުކުރަމުންދާ ކުދިންނަށް ފަރުވާދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ADHD އަށް ދެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފަރުވާ ކަމުގައިވާ މެތައިލްފެނިޑޭޓް (Methylphenidate) ރާއްޖެއިން ފަސޭހައިން ލިބެން ނެތްކަން ފާހަގަކުރައްވާ އެކމަުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ކުޑޫގެ ސިޓީގައި ވަނީ، ރާއްޖޭގައި ADHD ތަހައްމަލުކުރާ ކުދިންނަށް ބޭނުންވާ އެންމެ މުހިއްމު ފަރުވާ ކަމުގައިވާ މެތައިލްފެނިޑޭޓް ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ނެތުމަކީ އެ ކުދިންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށްފައެވެ. އެއީ އެ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ބޭނުންވާ އެންމެ އަސާސީ ބޭސް ކަމަށްވާއިރު، ރާއްޖެއިން އެ ބޭސް ލިބުން ދަތިވުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވެ، ގިނަ ބައެއްގެ ކަންބޮޑުވުން އިތުރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ކުޑޫ ވަނީ ސިޓީގައި ހިއްސާކުރައްވާފައެވެ.
މި ބޭހަކީ ރާއްޖޭގެ 'ނެޝަނަލް އެސެންޝަލް މެޑިސިންސް ލިސްޓް' ގައި ހިމެނޭ ބޭހެއް ނަމަވެސް، މިބޭސް ލިބުން ދަތިވުމުގެ ސަބަބުން، ކުޑަކުދިންގެ ސިއްޙަތަށް ކޮންމެހެން ބޭނުންތެރި މިފަރުވާ ލިބުން ވަނީ ބަންދުވެފަ ކަމަށް ވެސް ކުޑޫ ވިދާޅުވފައިވެއެވެ. މިކަމުގެ ސަބަބުން ADHD ހުންނަ ކުދިންގެ ކުރިއެރުމަށާއި އެކުދިންނަށް ދޭންޖެހޭ ފަރުވާއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ލިބެންޖެހޭ އަސާސީ ފަރުވާއަކުން އެކުދިން މަހްރޫމްވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެެ.
ރާއްޖޭގެ އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް ބައިނަލްއަގްވާމީ އުޞޫލުތަކާ އެއްގޮތަށް މިބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުން ކަމަށާއި، ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވައްޓެރި ގައުމުތަކަށް ދަތުރުކުރަން ޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެއްގެ ގޮތުގައިވެސް އެ ސިޓީގައި ސިފަކޮށްފައިވެއެވެ.
ކަންކަން މިމަގުން ދަތުރުކުރަމުންދާ މި ދަނޑިވަޅުގައި، މިކަން މިހެން ދިމާވާ ސަބަބު އޮޅުން ފިލުވުމަށްޓަކައި، ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އަދި މިކަމާއި ގުޅުން ހުރި އިދާރާކަމަށްވާ، 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި 2023 ވަނަ އަހަރުގެ އަސާސީ ބޭސްތަކުގެ ލިސްޓު (އީ.އެމް.އެލް) މުރާޖައާކުރުމުގެ މަރުހަލާ އަދި މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ކޯ ކޮމިޓީގެ މެންބަރުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ފަންނީ މާހިރުން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދެއްވައި މިކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގަންނަވާފައެވެ.
މި މައްސަލަ ހުށަހަޅާފައިމިވަނީ 'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ' (ADHD) ތަހައްމަލުކުރަމުންދާ ކުދިންނަށް ފަރުވާދިނުމުގައި ބޭނުންވާ އެންމެ މުހިއްމު ބޭސް ނުލިބި ކަންބޮޑުވުން މުޖުތަމައުގައި އިތުރުވަމުްނ ދަނިކޮށެވެ.










