ބޭރުފައިސާގެ ކަޅުބާޒާރު (ބްލެކް މާކެޓް) އަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް މައްސަލަކަމަށް ވަނީ ވެފައެވެ. މި މައްސަލަ ޙައްލު ނުކުރެވި ބޭރު ފައިސާގެ އަގު، ޚާއްޞަކޮށް ޔޫއެސް ޑޮލަރުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެކަމުގެ މައިގަނޑު އެއް ސަބަބަކީ، ރާއްޖޭގެ އުފެއްދުންތެރިކަމުން ލިބޭ ޢާމްދަނީ ރާއްޖޭގައި ހިފެހެއްޓޭނެ ރަނގަޅު މެކޭނިޒަމެއް އެކުލެވިފައި ނެތުމެވެ.
އެގޮތުން ރާއްޖޭގެ ޖީ.ޑީ.ޕީ ގެ އެންމެ ބޮޑު ހިއްސާއެއް އޮތް ޓޫރިޒަމް އިންޑަސްޓްރީގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކަށް ލިބޭ ފައިސާ ރާއްޖެއަށް ނުވަންނަ ކަމާއި އަދި ލޯކަލީ ޚަރަދު ކުރާ ވަރަށް މަދު ފައިސާކޮޅެއްވެސް ރާއްޖޭގެ ބޭންކްތަކަށް ނުވަދެ ވަކި ކަހަލަ ވިޔަފާރިވެރިންގެ ޖީބުގައި ހުންނަ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވާ އެ ފައިސާ ބްލެކް މާކެޓްގައި ވިއްކުމުގެ ސަބަބުން ބޭރު ފައިސާގެ ކޭޝް ފްލޯރ ބޭންކްތަކުގެ ކޮންޓްރޯލުން ވަނީ ނެއްޓިފައެވެ.
އެހެންކަމުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ކޮންޓްރޯލް ރިޒޯޓްތަކުގެ ވެރިފަރާތަކަށް ލިބިފައި ވަނީ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)ގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމާއި މެދު ޝައްކެއް ނެތެވެ. އެގޮތުން ބަލާއިރު އާންމު ގޮތެއްގައި އެހެން ގައުމުތަކުގައި އެޤައުމަށް އަންނަ ބޭރު މީހުންނާއި އަދި އެޤައުމުގެ ރައްޔިތުންވެސް ލޯކަލް ޕާރޗެސިންގް ނުވަތަ ބޭރު ފައިސާ ގަނެ ވިއްކުމުގެ މުޢާމަލާތު ކުރުން އޮންނާނީ މަނާކޮށްފައެވެ. އެހެންކަމުން ބޭންކުތައް މެދުވެރިކޮށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުވެއެވެ. އަދި އެ މާރު ކުރާ ބޭރު ފައިސާ ވަންނަނީ އެކި އެކި ބޭންކްތަކުގެ ބްރާންޗްތަކަށެވެ. މީގެ އިތުރުން ލޯކަލް އެއްވެސް ފިހާރައެއްގެ އެއްވެސް ބިލެއް ބޭރު ފައިސާއިން އަގު ޖަހާފައި ނުހުރެއެވެ.
ނަމަވެސް ރާއްޖޭގައި މި ފަދަ ކަންކަމަކީ ވަކި ބައެއްގެ ނުފޫޒު އެކަމުގެ ތެރެއަށް ވަދެ ޒަމާނުއްސުރެން ވެރިކަމަށް އަންނަ ވެރިންނަށް ޙައްލުކުރަން ނުކުޅެދިފައި އޮތް މައްސަލައެކެވެ. އެހެންކަމުން މިކަމުގައި އެމްއެމްއޭގެ ޒިންމާވެސް ވަކި ކުޑަ ނޫންކަން މި އަލިގަދަ ހެކިތަކުން ހާމަވެއެވެ.
މިކަމުގެ ޙައްލު ވަރަށް ސާފުވެ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ބޭރުން އަންނަ ފަތުރުވެރިން ދިވެހި ފައިސާއިން ނޫން ގޮތަކަށް މުޢާމަލާތް ނުކުރެވޭނެ ގޮތަށް ކަނޑައަޅައި ރާއްޖެއަށް ބޭރު މީހުން އެތެރެވާ އެންމެހާ ދޮރާށިތަކުގައި ބޮޑު އަކުރުން ފެންނަގޮތަށް ބޭރު ފައިސާއިން ގަނެވިއްކުމަކީ މަނާ ކަމެއް ކަމަށް ލިޔެ، އެފަދަ ފަރާތްތައް ބޮޑު ފައިސާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމާއި، އެފައިސާ ދައްކަންދެން ޖަލުގައި އޮންނަންޖެހޭ ގޮތަށް ޤަވާޢިދު ހަދައި ހުރިހާ ރިޒޯޓްތަކުގެ އަރާފައިބާ ޖެޓީގައިވެސް ބޯޑްތަކުގައި ލިޔެ، އަދި ފަތުރުވެރިންނަށް މަޢުލޫމާތުދޭ ގައިޑުން މެދުވެރިކޮށް އެންމެހައި ފަތުރުވެރިން އުފުލާ އެއަރލައިންތަކުން އެޤަވާޢިދު ފަތުރުވެރިންނަށް އަންގައި، ރާއްޖޭގެ އެންމެހައި ރިޒޯޓްތަކުގައި ބޭންކްތަކުގެ ފަރާތުން ފައިސާ މާރުކުރާ (މަނީ އެކްސްޗޭންޖް) ޕޯސްޓްތައް ޤާއިމުކޮށް އެތަންތަނުން ފަތުރުވެރިންނަށް ދިވެހި ފައިސާ ފަސޭހައިން މާރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
މި ޤަވާއިދުގެ ދަށުން ޤާއިމްކުރަން ޖެހޭ ފައިސާ މާރުކުރާ ތަންތަން ޤާއިމްކުރުމަކީ ވަކި މުއްދަތެއްގެ ތެރޭގައި ކޮންމެ ރިޒޯޓްއަކުންވެސް ކުރަން ލާޒިމްކޮށް ބޭންކްތަކުގެ ފަރާތުން ޚާއްޞަކޮށް ލޯކަލް ބޭންކް ބީއެމްއެލް ގެ ފަރާތުން އެކަމުގެ އިންތިޒާމް ހަމަޖައްސަން މުހިންމެވެ.
އިސްވެ ބަޔާންކުރެވުނު ގޮތަށް އެކަން ކުރުމުން ރާއްޖޭގެ އެއްވެސް ހިސާބަކުން ބޭރު ފައިސާގެ ލޯކަލް ޕާރޗެސިންގްއެއް އެނޫންވެސް ގޮތަކުން ގަނެވިއްކުން ކޮންޓްރޯލް ކުރެވޭނެއެވެ. އަދި ބޭރު ފައިސާގެ ކޮންޓްރޯލް ވަކި ބައެއްގެ އަތުން ގެއްލި ލޯކަލް ބޭންކް އަދި ސެންޓްރަލް ބޭންކަށް ލިބޭނެއެވެ.
އެހާލަތުގައި މުދާ އެތެރެކުރަން ބޭރަށް ފޮނުވާ ޓީޓީތަކަށް ބޭންކްތަކުން ޑޮލަރ ބޭންކް ރޭޓުން ފޯރުކޮށްދޭނެއެވެ. އެހާ ހިސާބުން ވަކި ބައެއްގެ ގޭގެ ތިޖޫރީތަކުގައި ރައްކާކޮށްފައި ހުރި ޑޮލަރުގެ އަގު ބްލެކް މާކެޓްގައި ވެއްޓެން ފެށުމުން އެޑޮލަރުތައް އަވަހަށް މާރުކޮށް ކަޅުބާޒާރު ނެތޭނެއެވެ. އަދި ސަރުކާރުގެ ބޭނުމަށް ރައީސް އޮފީހުގެ ވަލުދޮރުން ނެރޭ ކަޅުބާޒާރަށް ވިއްކާ ޑޮލަރުވެސް ވިއްކުން ހުއްޓޭނެއެވެ. އަދި މިކަމުގެ ކުރީކޮޅު ވަކި ކަހަލަ ވިޔަފާރިވެރިންތަކެއް މައިތިރިވަންދެން އެއް މަސް ދުވަސް ވަންދެން އެމް.އެމް.އޭ އިން ބޭންކްތަކަށް ދޭ އަދަދު އިތުރުކޮށް ވިޔަފާރިވެރިން އިމްޕޯޓްކުރަން ބޭނުންވާ ޕަސެންޓް ބޭރުފައިސާ ބޭންކްތަކުން ފޯރުކޮށްދީފިނަމަ އެހިސާބުން ބޭރު ފައިސާގެ ކަޅުބާޒާރު ނެތޭނެއެވެ.
ނަމަވެސް ސުވާލަކީ މިކަން މިގޮތަށް ކުރަން ސަރުކާރަށް ކެރޭނެތޯއެވެ. ސަރުކާރު ޚިޔާރުކުރާނީ ވަކި ބަޔަކު ރުއްސުން ތޯ ނޫނީ އާންމު ރައްޔިތުންނަށް ޖެހޭ ތަކްލީފު ލުއިކޮށްދިނުންތޯއެވެ.