

ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ރާވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފި އެވެ.
ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މިދިޔަ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ސަސްޕެންޑު ކުރީ ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.
ސަސްޕެންޝަނުގައި ހުރި ނިހާދަށް ފިނޭންސް މިނިސްޓްރީން މަގާމެއް ދީފައިވާކަން "ތޭރަ އޮންލައިން" އަށް ވަނީ ކަށަވަރުވެފައިވެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަވަމުން ފައްޓަވާފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނިހާދު ޕީއެންސީއާ ގުޅިވަޑައިގަތީ ޕީއެންސީން ވެރިކަމާ ހަވާލުވި ތަނާ އެވެ. އަދި އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.