

އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އެސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަޒާން ފޮނުއްވި ސިޓީގައި ވިދާޅުވީ އައްޑޫގައި ފެނަކައިން ހިންގާ އިންޖީނުގޭގައި މިވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މިވަގުތު މަސައްކަތް ކުރަނީ 13 އިންޖީނެއް ކަމާއި ހަތަރު އިންޖީނަކަށް މައްސަލަ ދިމާވެފައިވާއިރު، އޭގެތެރެއިން އެންމެ އިންޖީނެއް ފިޔަވައި ދެން ހުރި ތިން އިންޖީނު ހުރީ މާރާމާތު ނުކުރެވޭ ހާލަތުގައި ކަމަށް ފެނަކަ އައްޑޫ އޮފީހުގައި މަސައްކަތް ކުރާ ސީނިއާ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކުރަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓް ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެންދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެނަންސް އަދި މަރާމާތު މަސައްކަތް ނުކުރެވުން ކަމަށް އެ ސިޓީގައި އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާއެކު ދާދިފަހުން ބޭއްވި ބައްދަލުވުމުގައި ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޭނުންވާ ސްޕެއާތައް 7 ދުވަހުގެ ތެރޭގައި އައްޑޫ އަށް ފޮނުވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހިމެނޭ ގޮތަށް އެ ކުންފުނީގެ އިސްވެރިން ޔަގީންކަން ދިން ނަމަވެސް އޭގެ 12 ވަރަކަށް ދުވަސް ފަހުން އިއްޔެ އައްޑޫގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވުމުން ކަށަވަރުވީ ފެނަކައިގެ އިސްވެރިން ވިދާޅުވި ގޮތަށް އެއްވެސް ސްޕެއާއެއް އައްޑު އަށް ފޮނުވާފައި ނުވާކަން ކަމަށެވެ.
އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކުރައްވަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓް ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެނަންސް އަދި މަރާމާތުގެ މަސައްކަތް ނުކުރެވުމެވެ،
އަޒާން ވިދާޅުވެފައި މި މައްސަލައިގައި އައްޑޫގެ ބައެއް އެހެން ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ނަޖާހު ވެސް ހިމެނޭހެން އިސްވެރިންނާ މި މަހު 14، ގައި ބައްދަލުކުރުމުން އެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއާ ހަތް ދުވަސް ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.
ނަމަވެސް އެ ބައްދަލުވުމަށްފަހު އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް އައްޑޫއަށް ބޭނުންވާ ސްޕެއާ އެކޮޅަށް ފޮނުވާފައި ނުވާކަން އަޒާންގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
އެހެންކަމުން މި މައްސަލައިގައި ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާން ވަނީ އެދިފަ އެވެ.
އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދޭ މީހުންގެ މައުލޫމާތު:
މުހައްމަދު ނަޖާހް - މެނޭޖިން ޑިރެކްޓަރު
އަބްދުލް ވާހިދު - ކުރީގެ ޕްރޮކިއުމަންޓު ހެޑް
މަރިޔަމް ޝަހުލާ - ޕްރޮކިއުމަންޓް ހެޑް
އަބްދުﷲ ވާހިދު - ސީއެފްއޯ
މުހައްމަދު މަސްއޫދު - ކުރީގެ ސީއެފްއޯ
އަބްދުﷲ ނާޝިދު - ޗީފް ޓެކްނިކަލް އޮފިސާ