ފައިސަލްއާ ރައީސް މުއިއްޒު / ސޯޝަލް މީޑިއާ
ސިޔާސީ
މިހާރު ދެން މިހުރީ ސަރުކާރާ އެކުގައެއް ނޫން: އަދުރޭގެ ދަރި ފައިސަލް
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖެނުއަރީ 2025
މާލެ ސިޓީ

މިހާރު އޭނާ ހުރީ ސަރުކާރާ އެކުގައި ނޫންކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲގެ ދަރި އިބްރާހިމު ފައިސަލް ހާމަކޮށްފިއެވެ.

ފައިސަލް މިފަދައިން ހާމަކޮށްފައިވަނީ، އޭނާ ވަޒީރުކަމުން ވަކިކޮށް ރައީސް އޮފީހުން ސިޓީ ފޮނުވިކަން ޔަގީންކޮށްދީ، އޮންލައިން ނުސް "ސަން"އަށް ދިން އިންޓަރވިއުގައެވެ.

އެގޮތުން ފައިސަލް ވަނީ، އޭނާއަށް މަގާމުން ވަކިކުރިކަމުގެ ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށާ ރައީސް އޮފީހުން ފޮނުވި ސިޓީގައި ނަމަވެސް މަގާމުން ވަކިކުރީ ކީއްވެކަން ބުނެދީފައިނުވާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުން ދެން ކުރިއަށްދާނެ ވަކި ގޮތެއް ނިންމަވާނީ ބައްޕާފުޅު އަބްދުއްރަހީމާ ވެސް މަަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އޭނާ މިހާރު ހުރީ ސަރުކާރާ އެކުގައި ނޫންކަން ވެސް ފައިސަލް ހާމަކޮށްފައިވެއެވެ.

އިރާދަކުރެއްވިއްޔާ ސިޔާސީ މަސައްކަތުގައި މިއަށްވުރެ ގަދަޔަށް ފެންނާނެ. މިހާރު ދެން މިހުރީ ސަރުކާރާ އެކުގައެއް ނޫން ދެއްތޯ

- ފައިސަލް

ފައިސަލް މަގާމުން ވަކިކުރީ، އޭނާގެ ރަސްމީ ދަތުރުތައް މަޑު ޖައްސާލަން ރައީސް އޮފިހުން އެންގިތާ ހަފްތާއެއް ފަހުންނެވެ.

މިކަމާ އަދުރޭ ހާމަކޮށްފައިވާ ގޮތުގައި، ވެރިކަން ފެށުނުއިރު ރައީސް ޑރ. މުއިއްޒުއާ އެކު އޮތް ގާތްގުޅުމާއި އިތުބާރު މިހާރު ނެތް ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ނަން ހާމަނުކުރަން އެދި މީގެ ކުރިން ރޭރަ އޮންލައިންއަށް ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ގޯސްވެފައިވާ ކަމަށެވެ. އެ އޮފިޝަލް ހާމަކުރި ގޮތުގައި އަދުރޭއާ ގާތްގުޅުން އޮންނަ ނުވަތަ ގާތް ގުޅުން ބާއްވާ ސަރުކާރުގެ އިސް ފަރާތްތަކާ އަދި މަޖިލިސް މެމްބަރުންނަށްވެސް ރައީސް މުއިއްޒުގެ ފަޅިން ގެންދަނީ ފާރަލާ ބަލަމުން ކަމަށާ ސަރުކާރު ތެރެ މިހާރު ވަނީ ރަގަޅަށްވެސް ދެ ފަޅިވެފައި ކަމަށެވެ.

ރައީސް މުއިއްޒުއާ އަދުރޭއާ ދެމެދު ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެގޮތުން މީގެ ކުރިން ރައީސްގެ ދަތުރުފުޅުތަކުގައި އަދުރޭ ބައިވެރިކުރަމުން އައި އައުންވެސް ވަނީ މަޑު ޖައްސާލާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved