ވެރިކަން ފެށުނުއިރު ރައީސް ޑރ. މުއިއްޒުއާ އެކު އޮތް ގާތްގުޅުމާއި އިތުބާރު މިހާރު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވުމާއި ގުޅިގެން ނެވެ.
އޮންލައިން ނޫސް "ދައުރު" އަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް މިއަދު ވިދާޅުވީ ފައިސަލް ވަޒީރު ކަމުގައި މިވީ ދުވަސްތަކުގައި ހިޔާނާތުގެ އެއްވެސް ކަމެއް އޭނާ ހިންގަވާފައި ނުވާ ކަމަށެވެ. އަދި ފައިސަލް ހާސިލްކުރަން ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ވެސް ހާސިލްކުރައްވާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ފައިސަލް ސަރުކާރާ އެކު ހުންނަވާނެތޯ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ވަޒީރުކަމުގައި ހުއްޓާ ކުއްލިއަކަށް އެގޮތަށް ވަކިކުރުމުން، "ފައިސަލްއެއް ދެން ސަރުކާރާ އެކު ނުހުންނަވާނޭ ނޫންތޯ" އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުވީ މިއަދު އޮފީހަށް ފައިސަލް ވަޑައިގަތް ފަހުންނެވެ.
ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
އޭނާއަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މިނިސްޓަރުންގެ ތެރެއިން ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި ފުރަތަމަކޮޅުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ބޭފުޅާ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތު ކުރި އެވެ.