"ޖަމީލަށް ވެސް މަލީހަށް ވެސް އަދި ރައީސް ޔާމީނަށް ވެސް ނޭނގޭނެ އަޅުގަނޑާ އެއްވަަރަށް ސިޔާސީ ކުޅިބައި އަތުރާލަން ނޭނގޭނެ" މިއީ އަދުގެ މަޖިލިސް ރައީސް މި ވެރިކަން ލިބި ޕީއެންސީ ހަރުގޭގައި ބޭއްވި ފުރަތަމަ ޖަލްސާގައި ނިކަން ފަޚްރުވެރިކަމާ އެކު މޭމަތީ އަތް ޖައްސަވާ ދެއްކެވި ވާހަކައެވެ.
ސިޔާސީ މައިދާނުން ރައީސް ޔާމީން އެއް ފަރާތްކޮށްފައި ހުރި ކަމަށާ ދެން އެންމެ ރަގަޅު ވާނީ ސިޔާސީ މައިދާނުން އެމަނިކުފާނު ދުރަށް ދިއުން ކަމަށާ އެމަނިކުފާނުގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތުބެް އަޅުވާ އެރޭ އަބްދުއްރަހީމު ހީވީ އީދެއް އައިސްގެން އުޅުއްވި ބޭފުޅެއް ހެންނެވެ.
އަތް ޖައްސަވަން ރައީސް މުހައްމަދު މުއިއްޒު ވެސް ހަފްލާގައި އިންނެވިއެވެ. ޓީވީއިން މަންޒަރު ބަލަން އިން މީހެއްގެ ހައިސިއްޔަތުން ހިތަށް އެރިއެވެ. މިއީ ކިހާ ވަރަކުން ދާނެ ކަމެއްބާއެވެ.
18 ވަނަ މަޖިލީހުގެ ރައީސްކަމަށް އޭނާ އިންތިޚާބު ނުކުރުމުން ހިތުގައި އޮތް ހަސަދައިގެ ބަދަލު ސިޔާސީ ގޮތުން ރައީސް ޔާމީންގެ ކިބައިން ހިފިކަމަށް އެއްބަސްވެ އެރޭ އަބްދުއްރަހީމު ވަނީ ގިނަ ވާހަކަތަކެއް އަމިއްލަ އިއުތިރާފުން ހިއްސާކޮށްފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެންގުމުން ނޯޓު ދެ ބައިކޮށް އޮޅުވާލިކަން ވެސް އެރޭ އަބްދުއްރަހީމުގެ އިއުތިރާފުން އެނގުނެވެ. ރައީސް ޔާމީން ކިތަންމެ ހިތަށް ތަދުވިޔަސް މިއަދު ރައީސުލްޖުމްހޫރިއްޔާއަކީ ޑރ މުއިއްޒުއޭ ވިދާޅުވެ އަބްދުއްރަހީމު އެރޭ ރައީސް ޔާމީނަށް ވަށް ބަހުން ހަމަލާ ދިނެވެ.
ރައީސް ޔާމީނަކީ އަރިސް ބޭފުޅުންނަށް ހެޔޮ ބޭފުޅެއް ނޫން ކަމަށާ ރައީސް ޔާމީނަކީ އިހްސާންތެރި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަބްދުއްރަހީމުގެ ސިޔާސީ ހަޔާތުގައި ލިބުނު ނާކާމިޔާބީތަކަކީ ރައީސް ޔާމީން އޭނާއަށް ދިން ލަނޑުތަކެއްގެ ގޮތުގައި ސިފަކޮށް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމުތައް އަޅުވާފައިވެއެވެ.
މީގެ އިތުރުން މާކުރިން ރައިސް ޔާމީން ޖަލަށްލާ މުއިއްޒު ވެރިކަމަށް ގެންނަން ރޭވިކަމަށްވެސް އަދުރޭ އިއުތިރާފުވެފައިވެއެވެ.
މިހުރިހާ ވާހަކަތައް ދެއްކިތާ 5 މަހާ 20 ދުވަސް ފަހުން ފެނިގެން ދިޔައި އަބްދުއްރަހީމު އަކީ ރޯލު މޮޑެލް ކަމަށް ވިދާޅުވި ރައީސް މުއިއްޒު، އެ ރޯލު މޮޑެލްގެ ދެލޮލުގެ ކޮއި ނަގާ އުފުރާލި މަންޒަރެވެ. އަބްދުއްރަހީމު އެންމެ ލޯބިވާ އަދި ސިޔާސީ މައިދާނުގައި އޭނާގެ ލެގަސީ ދަމަހައްޓަން ހުރި ދަރިފުޅު އިބްރާޙިހިމު ފައިސަލް ވަޒީރުކަމުގެ މަގާމުން މުލުން ލުހެލާ ނަގާ ހޫރާލީއެވެ.
އެއާއެކު އަބްދުއްރަހީމު ވަނީ ބައެއް މީޑިޔާތަކަށް ވަރަށް އަސަރާއެކު ބަސްދީގަތުންވެސް ދީފައެވެ. އެގޮތުން މިއަދާ ހަމައަށްވެސް ގެންދިޔައީ ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމާ ފައިސަލްއާ އަބްދުއްރަހީމުގެ އިތުރުން މުޅި އާއިލާވެސް ބުރަ މަސައްކަތްތަކެއް މި ސަރުކާރު ގެންނަން ކުރިކަން ވެސް އަބްދުއްރަހީމުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އެހާ ރަގަޅަށް ކަންކުރަމުން ދަނިކޮށް އެއްވެސް ސަބަބަކާ ނުލާ ނުވަތަ ސަބަބު ބަޔާންކުރުމެއް ނެތި ފައިސަލް މަގާމުން ވަކިކޮށް ގޭގައި ބެހެއްޓުމުން ހައިރާންވެ ދެރަވެސް ވިކަމަށް އަބްދުއްރަހީމު ވިދާޅުވެފައިވެއެވެ.
މިހާ ހިސާބުން އިހްސާންތެރި ނޫނީ ކާކުކަމާ ގާތް މީހުންނަށް ވަފާތެރި ނޫނީ ކާކުކަންވެސް ފަހުމުވާނެތާއެވެ.
މީގެ އިތުރުން އެ ވަގުތަކީ އަބްދުއްރަހީމު ގައުމުން ބޭރުގައި އަނބިކަނބަލުންނާ އެކު ދަތުރުފުޅެއްގައި ހުންނެވި ވަގުތެއް ނަމަވެސް ވަގުތުން ދަތުރުކުރު ކުރައްވާ އެނބުރި ރާއްޖެ ވަޑައިގެންނެވިއެވެ. މީޑިޔާތަކާ ބައްދަލުކުރައްވަން ވެސް ހަމަޖައްސަވާ އެއާޕޯޓަށް މީޑިޔާތައް ގެންދިއުމުން ސަރުކާރަށް ތްރެޓް ބޮޑުވެ އެސްޕީޖީ މެދުވެރިކޮށް އަބްދުއްރަހީމު ގެއަށް މޫވްކުރުވިއެވެ. އަދި އިތުރަށް މީޑިޔާއާ ވާހަކަ ނުދެއްކުމަށާ އަދި އެފަދަ ކަމެއް އިތުރަށްކޮށްފި ނަމަ މަޖިލިސް ރައީސްގެ މަގާމުން ދުރުކޮށް ޕާޓީއިން ވެސް އެއް ފަރާތްކުރާނެކަމުގެ އިންޒާރު ސީދާ ރައީސް މުއިއްޒު ދެއްވިކަމަށްވެއެވެ.
މިހުރިހާ ކަމެއް މިބީދައިން ހިނގާ ދިއުމުން މަންޒަރު ބަލަން ހުރި މީހެއްގެ ހައިސިއްޔަތުން ހިތަށް އެރިއެވެ. ރައީސް މައުމޫން އަބްދުއްގައްޔޫމަށާއި ރައީސް އަބްދުﷲ ޔާމީނަށް ދޯކާދިން އަބްދުއްރަޙީމްގެ ސިޔާސީ ބާރު އެ ދަނީ ކެނޑެމުންނެވެ. ސިޔާސީ ހަޔާތް މަޑުމަޑުން އެދަނީ ފަނޑުވަމުންނެވެ. އަބްދުއްރަހީމަށް ވެސް މަގާމު ގެއްލޭކަށް މާގިނަ ދުވަހެއް ނެތެވެ. އަބްދުއްރަހީމްގެ އިރު ސިޔާސީ އުދަރެހުން އޮއްސުމާ ކައިރިވެއްޖެ އެވެ. އަބްދުއްރަހީމު އެތުރި ސިޔާސީ ކުޅި ބައިން ބޮނދު ބުޑަށް ސައި ކިޔައިފިއެވެ.
މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް ވެސް، ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށޭ އަމުދުން!