35 މިލިއަނުން ހަލީލަކަށް ނުވި އެވެ. މުއިއްޒު ވިއްކަން ކަމަށްބުނެ އަދިވެސް ކައްވަނީ އެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
35 މިލިއަނުން ހަލީލަކަށް ނުވި އެވެ. މުއިއްޒު ވިއްކަން ކަމަށްބުނެ އަދިވެސް ކައްވަނީ އެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމުގެ މަގާމަށް އިބްރާހިމް ހަލީލް އައްޔަނު ކުރެއްވި އިރުވެސް އެ މަގާމަށް އޭނާ ގާބިލް ނޫންކަމާއި ކުފޫ ހަމަނުވާކަން، ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެސް އެނގިލައްވައެވެ.

ދެން ސުވާލަކީ އެފަދަ ނާގާބިލު މީހަކަށް މިނިސްޓަރު ފެންވަރުގެ މަގާމެއް ދެއްވީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ސާދާވެފައި ކުރެވެ. އެއީ ހަލީލު ވެސް މުއިއްޒު އެދޭ "ވައްކަމަށް" ފަރިތަ ވުމެވެ.

ރާއްޖޭގެ މީޑިއާގައި އަގެއްނެތް ހަލީލަކީ މީހުންނަށް އޮޅުވާލުމާއި، ދޮގު ވާހަކަ ދައްކައިގެން އެތައް ބައެއްގެ އަތުން މީޑިއާ ހިންގުމުގެ ނަމުގައި ފައިސާ ނަގައިގެން އުޅޭ މީހަކަށް ވާތީ "މީޑިއާ ހައުސް" އެއް ހިންގުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކާއި ބަޖެޓުން ކުރެވޭނެ އަދި ކުރެވިދާނެ ވައްކަން ހަލީލް އޮތީ މާކުރިން މުއިއްޒުއަށް ސިޓީ ކައުންސިލަށް ކެމްޕެއިންގެ ތެރެއިން ކިޔައިދީފައެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން އަހަރަކު ދައުލަތުގެ މީޑިއާއަށް ދޭ 100 މިލިއަނާއި ގާތް ކުރާ ފައިސާއިންނާއި ކުންފުނިތަކުން މީޑިއާތަކަށް ދޫކުރާ ފައިސާއިން ބައެއް "ޖީބަށް" ލެވިދާނެ ގޮތްތަކާއި އެކަން ކުރާނެ ހިޔަޅުގޮތް ހަލީލް އޮތީ ދުރާލާ މުއިއްޒުއަށް ފިސާރި ރަނގަޅަށް ބުނެދީ އޮލުންފިލުވައިދީފައެވެ.

މަސައްކަތުގެ މަސްއޫލިއްޔަތަށް ކުފޫ ހަމަ ނުވިޔަސް މަގާމުގައި ދެމި އެހުންނެވެނީ މިދެންނެވި "ވައްކަމުން" ދިމްޔާތަށް ވައްދާ ފައިސާގެ ބޮނޑިވަރު ބޮޑުވީމައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްގެ ނާގާބިލުކަމުގެ ދެތިން ހެއްކާއި އެކު ކުރިއަށް ދަމާ ހިންގަވާށެވެ. އެންމެ ފަހުން ދައުލަތުގެ މީޑިއާގެ މެނޭޖިން ޑައިރެކްޓަރުކަން ހަލީލް އަށް ލިބުނީ ރައީސް ޔާމީން ސަރުކާރުގައި އެވެ. އެ މަގާމުން ހަލީލް ދުރުވިއިރު ކަރަންޓް ބިލަށް ދައުލަތުގެ މީޑިއާ ސްޓެލްކޯއަށް ދައްކަންޖެހޭ ކަރަންޓް ބިލްތަކަށް 80 މިލިއަން ރުފިޔާ އަރައެވެ.

އެމްއެންބީސީ އާއި އެމްބީސީގެ އިތުރުން ޕީއެސްއެމްއިންގެ ނަމުގައި ދައުލަތުގެ މީޑިއާ ހިންގަމުން ހަލީލް ދިޔައިރު ލިބުނު ގެއްލުމުން އަދި ވެސް އެކުންފުނި އެއޮތީ ހިންދެމި ނުލެވި އެވެ. ޕީއެސްއެމްއަށް ވާރުތަވި ދަރަނީގެ "މޭސްތިރިއަކީ" މިއަދު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް އެވެ. މިފަދަ އެއް ވާރުތަ ދަރަންޏަކީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްދިން ސޮފްޓްވެއާގެ އަގު ކަމަށްވާ 39،750 ޔޫރޯ ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމެވެ. މިއީ އެފަދަ ސޮފްޓްވެއާއެއް މާކެޓުގައި ލިބޭ އަގަށްވުރެ އެތަށް މިލިއަން ބޮޑު އަގަކެވެ. މި ވައްކަމުން ވެސް ހަލީލްއަށް ބައިއެޅުނު ކަމަށް ޕީއެސްއެމްގެ މުއަށްޒަފުން މިހާރުވެސް ބުނެއެވެ. މިފަދަ އެތަށް ވައްކަމެއް ހަލީލް ހުރީ ދައުލަތުން ކޮށްފަ ކަމަށް ރަށުތެރޭ ގޮވައެވެ.

އަދި އަމިއްލަ ވިޔަފާރިވެރިންގެ ބޮލަށް ސަވާރުވެގެން "މީޑިއާ" ހިންގުމުގެ ނަމުގައި އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވުމުގެ ތުހުމަތު ހަލީލް އަށް ކުރެ އެވެ. އެގޮތުން ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމް ބޮލަށް ސަވާރުވެ ވީޓީވީ މާމޮޅަށް ހިނގާނެ ކަމަށް ހުވަފެންދައްކާ އެތަނުން އެތައް ފައިސާއެއް ޖީބަށް ކަހާލި އެވެ. އަދި ދިރާގު ޓީވީ ގަނެ ފައިދާވާނެ ކަމަށް ބުނެ ސަން މީޑިއާ ގްރޫޕް ކޮށާލާ ސަން ސިޔާމުގެ އެތަށް މިލިއަން ރުފިޔާއެއްގައި ޖެހުނެވެ. އަދި ވިޔަފާރިވެރިޔާ އުއްޗުއާއި ގުޅުންބަދަހިކޮށް އެތަށް ފައިސާއަކުން އުއްޗުއަށް ހިޔާނާތްތެރިވެ އުއްޗުގެ ޗެކްފޮތް ހިފައިގެން ހަލީލްގެ އެކުވެރިޔަކާއިއެކު އުއްޗުކައިރިން ވެސް "ފިލި" އެވެ

މިފަދަ އެތައް ވައްކަމުގެ ޓްރެކްޓް ރިކޯޑް މިހާރު ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްގެ އެބައޮތެވެ.

ކޮންމެއަކަށް ނިމުނު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ މީޑިޔާ ހިންގުމާއި ޕީއާރު މަސައްކަތް ރައީސް ސޯލިހާއި އެކުގައި މީޑިޔާގެ އެކްސްޕާޓަކަށްވެ ސޯލްޓް ކެފޭ މަތީ ވަރަށް "ޖަރީމާ" ހިންގާލި އެވެ. އެއަށްފަހު މުއިއްޒު މޮޅުވަނީކަން އިންތިހާބުގެ ނަތީޖާއިން ދެއްކުމުން ވަގުތުން ދިމްޔާތު ފުޅާޅުން ޓިނުނަގައިގެން ވަދެ މުއިއްޒުއަށް ސަނާކިޔާ ހަލީލްގެ ބަހީލުކަން ދައްކަންފެށި އެވެ.

މިއަދު މުއިއްޒު ވިއްކުމުގެ ނަމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ހަލީލް އެކުރައްވަނީ ބޮޑެތި ވައްކަމެވެ. މުއިއްޒުއަށް ބައެއް ދެމުންނެވެ. މިހެން މިދެންނެވީ އެންސްޕާގެ ބޮޑު ކޮރަޕްޝަނުގެ ވާހަކަ އެމަނިކުފާނާ ހިސާބަށް އަދި ނާންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އެވެ. އެއީ ހިނގައިގެން އުޅޭ ކަމެއްކަން އެ މަނިކުފާނަށް އެނގިވަޑައި ގަންނަވާކަމަކަށް ވެސް ނުހެއްދެވި އެވެ. މިހެންވުމުން، ބެލެވެނީ، ހަލީލާއި ހީނާ ކުރެއްވި ކަމެއް ކުރެއްވީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.

މިހާރު  އެމްއެމްޓީވީ ނަމުގައި އެންސްޕާގެ 35 މިލިއަން ރުފިޔާގެ "ވައްކަން" ހަލީލް އެދިރުވާލީ ހީނާ ގުރުބާން ކޮށްފަ އެވެ. ދައުލަތުގެ ފައިސާއިން 35 މިލިއަން ދިރުވާލައިގެން ވެސް ރައްޔިތުންގެ ދަރުބާރުގައި "މުއިއްޒު ނުވިކޭތީ" މިހާރު ތަފާތު ނަންނަމުގައި ސޯޝަލް މީޑިއާ ޕޭޖް ހަދައިގެން ހަލީލް އެކުރަނީ ވެސް ވައްކަމަޭ ބުނާތީ އަޑުއިވެއެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ހުލާސާ، ޒުވާން ޖީލު، ފަރުދުން, ހަޅަ، ނޫހަކީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވިއްކުމަށް ހަލީލަށް ރުފިޔާއިން ބައި ލިބޭ ގޮތައް އުފައްދާފައިވާ ޕްލެޓްފޯމްތަކެވެ. އެގޮތުން މި ފްލެޓް ފޯމްތައް ހިންގާގޮތް ސީދާ ރައީސް މުއިއްޒުގެ ބެލުމުގެ ދަށުން ވިލަރެސް ކުރައްވަ އެވެ. އެގޮތުން ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ އެހެން ނޫސްތަކަށް ބަރޯސާވާ ވަރު ކުޑަކުރުމެވެ. ސަބަބަކީ ރާއްޖޭގެ ބޮޑެތި މެއިންސްޓްރީމް މީޑިއާތަކުގެ އެޑިޓަރުން ހަލީލް އަށް ކޮންޓްރޯލް ނުކުރެވުމެވެ.

މިދެންނެވި ޕްލެޓްފޯމް ތަކަށް ބަހާ ފައިސާ ނެރެނީ ސީދާ ހަލީލްގެ ބެލުމުގެ ރައީސްގެ އަމިއްލަ ގެކޮޅު މ. ދިމްޔާތު ކަމަށް "ތޭރަ އޮންލައިން" އަށް ވާހަކަ ގެނެސްދިން މީހާ ކިޔައިދިނެވެ. އަދި ރައީސް ވިއްކުމުގެ ނަމުގައި ހަލީލްގެންދަވަނީ ރައީސް މުއިއްޒުއަށް ވެސް ބައި އެޅޭގޮތަށް ދައުލަތުގެ ކުންފުނިތަކާއި ޕީއެސްއެމްއަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއިން ބޮޑެތި ވައްކަން ކުރަމުންނެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ރިޕޯޓަށް މައުލޫމާތު ދެމުން ބުނީ ދިމްޔާތަށް ގޮސް ކޯޑެއް ބުނެލާ ހިސާބުން ފައިސާ ބަރާބަރަށް ދޫކުރާ ކަމަށާއި ނަމަވެސް ލިބެނީ ހަލީލް ލިބޭނެ ކަމަށް ބުނާ އަދަދަށް ވުރެ މަދުކޮށެވެ. އެ މަސްދަރުތަކުން ބުނީ އެހެން އެވަނީ މި ދެންނެވި ޕްލެޓްފޯމް ތަކަށް ބަހާ ފައިސާ ބައެއް ސީދާ ހަލީލްއަށް ބައިއެޅޭ އިންތިޒާމެއް ރޭވިފައި އޮންނާތީ ކަމަށެވެ.

ކޮންމެއަކަށް ރައްޔިތުންގެ ބޭސްފަރުވާއަށް ހުރި ފައިސާއިން ކުރި ވައްކަމުން ހޯދި 35 މިލިއަނުން ހަލީލަކަށް ނުވި އެވެ. ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާއިން މުސާރަ ނަންގަވައިގެން ވަޒީރުންގެ ފެންވަރުގެ ބޮޑު ސިޔާސީ މަގާމެއްގައި ހުންނަވައިގެން މުއިއްޒު ވިއްކަން ކަމަށްބުނެ ހަލީލް އަދިވެސް ކައްވަނީ އެވެ. ވައްކަމުގެ އަޑު ދުވަހެއް ދުވަކަށް ގަދަ ވަނީ އެވެ. ހުއްޓުވޭނެ ގޮތެއް އަދި ނުފެނެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved