ނޫސްވެރިންތަކެއް: އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ދިމާކުރުން މިފަހުން އިތުރުވެފައި / ރައީސް އޮފިސް
ހަބަރު
އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖެނުއަރީ 2025
މާލެ ސިޓީ

އެކި ކަންކަމާ ގުޅިގެން އަންހެން ނޫސްވެރިންނަށް ފުރައްސާރަ ކުރާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން ކުށްވެރިކޮށްފިއެވެ.


އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ނޫސްވެރިން ކުރާ މަސައްކަތާ ގުޅުވައިގެން އެ މީހުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިދިޔަ ދެތިން މަސް ތެރޭގައި ފުރައްސާރަކުރުން އިތުރުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އަންހެން ނޫސްވެރިންނަށް، މިފަހުން ފުރައްސާރަކޮށް ދިމާކޮށްފައިވާ މައްސަލަތައް އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ. މިފަދަ އަަަމަލުތަކަކީ ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސް އަޅައި ރޫހާނީ ގޮތުން ބަލިކޮށްލައި ފަހަތަށް ޖައްސަން ބައެއް ފަރާތްތަކުން ގެންގުޅޭ އުކުޅުތަކެއް ކަމުގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ ސަންގު ޓީވީގެ ނޫސްވެެރިޔާ ފާތިމަތު މަދަދާއަށް އެކްސްގައި ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވާ އެނޮނިމަސް އެކައުންޓަކުން އިއްޔެ ފުރައްސާރަ ރައްދުވާ ގޮތަށް އޭނާގެ ފޮޓޯއާ އެކު ޕޯސްޓެއް ކޮށްފައިވާ ކަމަށެވެ.

އަދި, މީޑިއާގެ ދާއިރާ އާއި ނޫސްވެރިކަމުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަން ފާހަގަކޮށް ބަޔާނުގައި ވަނީ އަންހެން ނޫސްވެރިންނަށް ސީދާ އަމާޒުކޮށް އެ މީހުންނާ ދިމާކޮށް ފުރައްސާރަކުރުން އިތުރުވަމުން ދިޔުމަކީ ދާއިރާއަށް އަންހެނުން ނުކުންނަށް ފަސްޖެހޭނެ ކަމެއް ކަމަށެވެ.

މިއީ މިހާރު ތިބި އަންހެން ނޫސްވެރިންނަށް ވެސް ދާއިރާގައި ކުރިއަށް ދިޔުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށާއި މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެމްޖޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުލުހުންވެސް މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލައި އެ ކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"އިން ދައްކާ ގޮތުގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަނީ ދަށްވަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ޖެހިފައެވެ. އެއީ، 2023ގައި 100 ވަނައިގައި އޮތުމަށް ފަހު މިދިޔަ އަހަރު ރާއްޖެ ވަނީ 106 ވަނައަށް ދަށްވެފައެވެ.

އެ ރިޕޯޓުގައިވަނީ، ނޫސްވެރިންނަށް ދޭ ހަމަލާތަކަށް ރާއްޖޭގައި އަދަބު ނުދޭއިރު، އަންހެން ނޫސްވެރިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved