އެސްޓީއޯ އެމްޑީ / ރާއްޖެއެމްވީ
ހަބަރު
އެސްޓީއޯ ސިޔާސީ މަސައްކަތް ކުރާތަނަކަށް ބަދަލުވެއްޖެ ކަމުގެ ތުހުމަތު، ކުންފުނީގެ އާމްދަނީ އާ ފައިދާވެސް ދަށަށް!
Mariyam Isaadha
މަރިޔަމް އިސާދާ
31 ޖެނުއަރީ 2025
މާލެ ސިޓީ

ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) ހިންގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވެ، މިދިޔަ އަހަރުގެ ސާފު ފައިދާ ބޮޑުތަނުން ދަށަށް ހިނގައްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާ ޝިމާދު އިބްރާހިމް ހަވާލުވި ފަހުން އެ ކުންފުނީގެ ވިޔަފާރި ވަނީ ވަރަށް ދަށްވެ، ސަރުކާރުން އަންގާ ސިޔާސީ ކަންކަމަށް ހޭދަކުރާ ތަނަކަށް ބަދަލުވެފައިކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެ ކުންފުނި ތެރޭގައި ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ އިސް މުވައްޒަފުންނާ ހަވާލާދީ ވެސް އަޑުތައް ފެތުރިފައިވެއެވެ.

އެގޮތުން އެސްޓީއޯއިން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 717.1 މިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި 818.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ދަށްވިއިރު ހިންގުމުގެ ހަރަދުގެ ގޮތުގައި ވަނީ އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޭގެ ކުރީ އަހަރު ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 924.2 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެސްޓީއޯގެ އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައިކަން ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 15.3 ބިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި 16.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ ކުންފުނީގެ މިދިޔަ އަހަރު އާމްދަނީ ދަށްވިއިރު ވިޔަފާރި ކުރުމަށް ކުރި ހަރަދު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ވިޔަފާރިކުރުމަށް ހޭދަކޮށްފައި ވަނީ 13 ބިލިއަން ރުފިޔާއެވެ.

އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

ޝިމާދު ހަވާލުވި ފަހުން މިދިޔަ އެއް އަހަރު ތެރޭގައި އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް އެސްޓީއޯގެ މުވައްޒަފުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved