އޭޖީ އުޝާމް / ރައީސް އޮފިސް
ހަބަރު
މައުލޫމާތު ހާމަނުކުރުމަށް ކޯޓުގެ އެހީއަށް ސަރުކާރުން އެދިއްޖެ
03 ފެބްރުއަރީ 2025

ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އެންގި އެންގުން ހައި ކޯޓުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ނޭނގި އޮއްވައި ހަރަދު ކުޑަކުރުމުގެ ގޮތުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 228 މީހުންގެ މައުލޫމާތު ދޭން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެކޮޅު ހަދާފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދެއް ކަމަށްވާ އަފްރާހު އިސްމާއިލް ރައީސް އޮފީހުގައި އެދުނީ އެ 228 މީހުންގެ ނަމާއި, މަގާމާއި, މުސާރަ އަދި އައްޔަނުކޮށްފައި ތިބި އިދާރާގެ މައުލޫމާތު ދިނުމަށެވެ.ނރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާކަން އެކްސްގައި އަފްރާހު ހިއްސާކުރި އާރުޓީއައިގެ ޖަވާބުން އެނގެން އޮތްއިރު އެ މައުލޫމާތު ނުދިނީ އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެއެވެ.

އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކަމަށް ބުނެ 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ރައީސް އެންގެވީ އޮކްޓޯބަރު 15، 2024، ގައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވިއެވެ.

ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އައިކޮމްގައި އެދުމުން، ވަކިވަކިން އެ ތިން މައްސަލަ ބަލައި އެ މައުލޫމާތު ރައީސް އޮފީހުން ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށް އައިކޮމްއިން ނިންމީ ޑިސެމްބަރު 25، 2024، ގައެވެ.

އެ ތިން މައްސަލައިގައި ވެސް އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި، މަގާމާއި، ވަޒީފާ އަދާކުރަމުން އައި ތަނާއި ވަޒީފާއިން ވަކިކުރި ތާރީހަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން ފާހަގަކުރި ނަމަވެސް، އެ މައުލޫމާތު ދިނުމުން މުޅި ރައްޔިތުންގެ މަސްލަހަތު މާ ރަނގަޅަށް ހާސިލުވާނެ ކަމަށެވެ.

އެގޮތުން އެ މައުލޫމާތު ހާމަ ނުކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުން ރައްކާތެރި ކުރެވޭ މަސްލަހަތު ބޮޑު ކަމަށް ވެސް އައިކޮމްއިން ފާހަގަކުރިއެވެ.

ހައި ކޯޓަށް އޭޖީއިން ހުށަހެޅި މައްސަލަ މިހާތަނަށް ރަޖިސްޓްރީ ކުރި ކަމެއް އެނގިފައެއް ނުވާއިރު، އޭޖީއިން މިފަދަ ކަމެއްގައި ކޯޓުގެ އެހީއަސް އެދުނީ އެގެ ފަހަތުގައި ކޮން ކަހަލަ ސިއްރެއް ފޮރުވިފައިވާތީ ކަމާ މެދު ސުވާލުއުފެދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved