

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމު އަބްދުﷲ އާ ގާތް ގުޅުން އޮންނަ އަދި އާއިލީ ގޮތުން ގުޅުން އޮންނަ އެކި އެކި ފަރާތްތައް ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ފަށައިފިއެވެ.
އެގޮތުން އެ ސިލްސިލާގެ އެންމެ ކުރީގައި އެކި އެކި ކުންފުނިތަކުގެ އެމްޑީއިންވެސް ހިމެނޭއިރު މި ސިލްސިލާގައި އެންމެންނަށް ހައިރާންކަން ގެނުވި ކަމަކީ އަބްދުއްރަހީމުގެ ދަރި، އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ކުރުމެވެ.
އޭގެ ފަހުން އެއް ހަފްތާ ނުވެ ދެން އިވިގެން ދިޔައީ، އަބްދުއްރަހީމުގެ ދަރީގެ ބަފައިބެ، އެމްޕީއެލްއެގެ ސީއީއޯ މުހައްމަދު ވަޖީހު މަގާމުން ވަކިކުރި ޚަބަރެވެ. އެ މައްޗަށް ގަޑިއިރުތަކެއް ނުވަނީސް ފައިސަލްގެ އަނބިމީހާގެ ބޭބެ، ހަސަން އިރުފާން، ސިޓީސް ލޯކަލް ގަވަންމަންޓު އެންޑް ޕަބްލިކު ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޓުއަރިޒަމް މިނިސްޓްރީގެ ޕާމަންޓު ސެކެރެޓަރީގެ މަގާމުގައި ހުރި ޝައުފާވެސް މަގާމުން ވަކިކޮށްފައިވާއިރު އޭނާއަކީ ވެސް އަބްދުއްރަހީމުގެ ރަށް، ލ. ފޮނަދޫއަށް ނިސްބަތްވާ، އަބްދުއްރަހީމުގެ އާއިލާއާ ގާތް ގުޅުން އޮންނަ މީހެއްކަމަށް ޚަަބރު ފެތުރިފައިވެއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި ތިބި ދެ ސްޓޭޓު މިނިސްޓަރަކު ވެސް ވަނީ ފައިސަލްއާ ގާތް ގުޅުން އޮންނަ ކަމަށް ބުނެ ވުޒާރާ ބަދަލުކޮށްފައެވެ.
ކަންކަން ހިނގަމުންދާ ބީދައަށް ބަލާއިރު، އަބްދުއްރަހީމުގެ ނުފޫޒުން މަގާމުތަކުގައި ސަރުކާރުގައި ތިބި އެކި އެކި ސިޔާސީ މީހުން މަގާމުތަކުން ވަކިކޮށް ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ އަބްދުއްރަހީމާ މެދު އިހާނެތިވަމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ގިނަ ބަޔަކު ބުނާ ގޮތުގައި ކެޔޮ ގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ރައީސް މުއިއްޒަށް ކެނޑުނީއެވެ.
އަބްދުއްރަހީމަކީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓުކުރުމަށް އެދިވަޑައިގެން ފޮނުއްވި ނޯޓު ދެފަޅިކޮށްލުމަށް ފަހު ޕީއެންސީ ކެންޑިޑޭޓަކު ނެރެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ފުރުސަތު ހޯދާދިން ބޭފުޅާއެވެ.
ގިނަ ބަޔަކު ބުނަމުން ދާ ގޮތުގައި ރައީސް ޔާމީނަށް ޣައްދާރުވުމަށް ފަހު ރައީސް މުއިއްޒަށް އަބްދުއްރަހީމު ވާގިވެރިވުމުގެ މިސާލުން މިސާލު ނަގާ ރައީސް މުއިއްޒު ގެންދަވަނީ އަބްދުއްރަހީމުގެ ވަސްވެސް ސަރުކާރު ތެރެއިން ފިލުވުމަށް މަސައްކަތްކުރަމުންނެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާގެ ކުރިން މަޖިލިސް ރައީސްކަމުން އިސްތިއުފާ ދިނުމަށް އަބްދުއްރަހީމަށް ޕްރެޝަރކުރަމުންވެސް މެއެވެ.