

ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނެވެ. މިއީ އިހުގެ ހަރު ބަހެކެވެ. ނަމަވެސް މިއަދު ގައުމުގެ ކަންކަން ހުރި މިސްރާބަށް ބަލާއިރު މިއީ ނިކަން މުނާސަބު ބަހެކެވެ.
މި ފާހަގަކޮށްލަން އުޅޭ ކަމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު އަޑި އަޑިން ޕީޕިއެމް/ޕީއެންސީގެ ވެރިންތަކެއް ގެއްލުވާލުމާއެކު ޕީއެންސީގެ ތެރެއިން ކެންޑިޑޭޓަކު ނެރެ ރައްޔިތުންގެ ތާއީދު ހޯދާދީ މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ ވީ ގުރުބާނީގެ ނަތީޖާ މިއަދު އެމަނިކުފާނަށާ އާއިލާއަށް އަދި ގާތް މީހުންނަށް ނުހަނު ހިތިކޮށް ރަހަލަމުންދާ ދިއުމެވެ.
ރައީސް ޔާމީންއާ ނުހަނު އަރިސްކޮށް އުޅުއްވަމުން އަބްދުއްރަހީމު ވަނީ އެމަނިކުފާނަށް ޣައްދާރުވެފައިކަން ހާމަވީ ސީދާ އަބްދުއްރަހީމުގެ އަމިއްލަ އިއުތިރާފުންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ނުލިބުމުން ހިތުގައި އެ ދުވަހު ސުރެ އޮތް ހަސަދަ ރައީސް ޔާމީންގެ މައްޗަށް އަބްދުއްރަހީމު ފިލުވާލީ ޕީއެންސީ އުފައްދާ އެ ޕާޓީގެ ރައީސަކަށް އޭނާ އައްޔަންކުރެވުނު ދުވަހުްނ ފެށިގެން ސާފުކޮށް އެނގިގެން ދިޔައެވެ.
އެއާއެކު ސިޔާސީ ގޮތުން ރައީސް ޔާމީން ދުއްވާލާ ނިޒާމުން ގެއްލުވާލަން ހިސާބު ސަރ ހިސާބު ޖަހަން ފަށާ ރައީސް ޔާމީންގެ ރިޔާސީ ޓިކެޓޫ ވަކި ބަޔަކު އަޑީގައި ތިބެގެން ބާތިލުކުރިވކަންވެސް ނިކަން ރީތިކޮށް އެނގި ހާމަވެގެން ގޮސްފައިވެއެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ގާތްވި ވަރަކަށް ރައީސް ޔާމީން ނޫން ގޮތެއް ނޯންނާނެ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ ދެއްކީ އަވާ މެންދުރެކެވެ. އެތެރެއިން ކުޅޭ ނޯޓު ދެބައިކޮށް ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދާދިނީ ހިތުން މޮޅުތަކެއް ވާނޭ ކަމަށް ނަމަވެސް މިއަދު އެކަމުގެ ހިތި ރަހަ އަބްދުއްރަހީމުއާ ޔާރުންނާ މިތުރުންގެ ކަރުބުޑުގައިވެސް ދަނީ ލަމުންނެވެ.
ރައީސް ޔާމީން ހުރަ ގޭގޭގައި ބާއްވާ އެމަނިކުފާނަށް ހަރާންކޯރުވެ އަމިއްލަ ޖީބު ބޮޑުކުރުމަށް ޖެހި މަޅީގައި ފިތި ބާރުވީ ޚުދު އަމިއްލައަށެވެ. އަމިއްލައަށް ނަގޫ ފިތުނީއެވެ. ފޭހި އިލޮށި އަމިއްލަ ލޮލަށް ހެރުނީއެވެ.
ރައީސް މުއިއްޒަކީ ކަންބަޅިއެއްގެ ކެހެރީގައި ހުންނެވި ހިޔަޅެއްގެ ގޮތުގައި ގިނަ ސިޔާސީ ބޭބޭފުޅުން ސިފަކުރަމުންދާއިރު އެކަން މިހާރު މުޅި ގައުމަށް މިދަނީ ފާޅުވަމުން ހާމަވަމުންނެވެ.
ރައީސް މުއިއްޒަކީ ނުމޮށޭ ގުރައެއްކަން ދަނީ ނުހަނު ގާތުން ފެންނަމުންނެވެ. ވެރިކަމަށް އައުމަށް އަބްދުއްރަހީމުގެ ގޭގެ ޓެރަހުގައި ދަންވަރުގެ ޖަލްސާތަކުން ފެށިގެން އައިސް ދިމްޔާތުގެ 13 ވަނަ ފަންގިފިލާގައި ރާވަމުން ދިޔަ ރޭވުންތަކުން ރައީސް މުއިއްޒު އެންމެން މަޅީގައި ޖައްސަވާ ރައީސް މުއިއްޒު ނިކަން ރަގަޅަށް ވެސް އަމިއްލަ ކާމިޔާބީ ހޯދައިފިއެވެ.
ނަމަވެސް އެމަނިކުފާނަށް އާރާ ބާރާ ލިބުމުން ގިނަ ކަންތައް ތަކެއް ހަނދާން ނެތިއްޖެއެވެ. ކުއްޅަވައްފަލު ރަންޏަކަށް ވެއްޖެއެވެ. ކަނޑިކި ބުރި ހަނދާން ނެތިއްޖެއެވެ. ތިމާއަށް އަރާ ބޮންތީގައި ހިފުމުން އެހެން މީހުންގެ ކަަރށް ފައިން އަރަން ފަށައިފިއެވެ.
އެންމެ ގާތުން އެންމެ ކައިރިން "ވައްކަން"ތަކުގައި ބައިވެރިވެދިން އަދި ވައްކަންތަކުން ލިބުނު ބައިވެސް ދިނުމުން ނަގާ އެ ހޫރާލީ އަތުކޮޅަށެވެ. ދިނީ ފެނު ކައްކާ ބޮލީ އިއްޒަތެވެ. އަބްދުއްރަހީމާ އާއިލާއަށް ވެސް ރައީސް މުއިއްޒު ކަންކުރައްވަމުން ގެންދަވަނީ ނުހަނު ދެރަވަރުކޮށް ކަމަށް ގިނަ ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ އަބްދުއްރަހީމަށް މިހާރު ފިލާވަޅެއް ދަސްވާނެ ކަމަށެވެ. އެއީ އަބްދުއްރަހީމާ މެދު ރައީސް މުއިއްޒު ކަން އެ ކުރައްވަނީ ވަދު ކަނޑައިގެން ގޮސްފައި އިންނަ ފައިވަނަކާ މެދުވެސް މީހަކު ކަން ނުކުރާނެ އުސޫލުންނެވެ. އެހެނީ ވަދު ކެނޑުމުން އެ ފައިވާން މަގު މައްޗަށް ނެރެ ބޭޒާރުކޮށްލުމުގެ ބަދަލުގައި ކުނި ކޮތަޅާއެކު އުކާލަނީ ވިއްޔާއެވެ.
ނަމަވެސް ރައީސް މުއިއްޒު އަބްދުއްރަހީމުގެ އަގު ވައްޓާލަން ފާޅުގައި ގެންދަނީ އޮއްގާ އުއްކަވަމުންނެވެ. ކެޔޮ ގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެނޑުނީތާއެވެ! ރޯލް މޮޑެލް ކަމަށް ބުނެ ގާތްކުރުމަށް ފަހު ދެން ނަގާ އެއް ފަރާތްކޮށްލީ ހުތުރު ގޮތަކަށެވެ. އާއިލާއަށާ ރަށަސް ވެސް ނަންލީތާ ކޮޅު މީހަކު ހުއްޓަސް އެގެންދެނީ އަތުކުރީ ހިފާ ހޫރަމުން ވިއްޔާއެވެ.