

އެޗްޑީސީގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާ އާއި ހަވާލުކުރިކަން ހާމަވެއްޖެއެވެ.
އެކަން ހާމަކޮށްފައިވަނީ މިއަދު ފުލުހުން މީޑިއާތަކަށް އެކަމާއި ގުޅިގެން ފޮނުވި މެސެޖެއްގައެވެ. އެ މެސެޖުގައި އެޗްޑީސީގެ ގޯތި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފައިސާގެ ވެރިފަރާ ވަނީ ހަވާލުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަމިއްލަ ބޭބެއަށް ހުޅުމާލެއިން އުސޫލުން ބޭރުން ގޯއްޗެއް ދިނުމާއި އަދިވެސް އެހެން ސީރިއަސް ތުހުމަތުތަކެއް އަމާޒުވެ، މަގާމުން ސަސްޕެންޑްކޮށްފައި ހުއްޓާ އަމިއްލައަށް އިސްތިއުފާ ދެއްވި ފަޒުލް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ، އެ ތަން ބަލައި ފާސް ކުރީ މިދިޔަ 24 ޑިސެމްބަރުގަ އެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ހޯދީ 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާއެވެ. އެ ފައިސާ އަނބުރާ ފަޒުލްއާ ހަވާލުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ގޯތި މައްސަލައިގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދުމާއި އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތް ނިންމި ކަމަށް ވެސް ފަޒުލްއަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަސްލަހަތު ހިމެނޭ ވިޔަފާރިތަކަށް ތިލަފުށިން ބިން ދިނުމާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ އުސޫލަކުން ގޯއްޗެއް ވިއްކި މައްސަލައެއް ވެސް ހިމެނެ އެވެ.
ފަޒުލްގެ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލު ކުރި އިރު ބިންވެރިޔާ ސްކީމް ގެ ދަށުން ވަގަށް ބަޔަކަށް ގޯތި ދިންކަން ފަޅާ އެރުމުން ފެށި ތަޙުޤީޤާ ގުޅިގެން ކުރިން ސަސްޕެންޑް ކުރެވިފައިވާ ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލިކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ސަސްޕެންޑް ކުރެވުނު 15 މުވައްޒަފުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަކީ ފަޒުލްގެ ގާތް އެކުވެރިން ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.