![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215AWTRY568X87BN55R97.jpg)
![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215F191M7BQ8HN5JRRQJE.jpg)
މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު، ސިނަމާލެ ހަލިމަގުގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ގައިމަތިން ސައިކަލެއް ދިޔަކަން ދިވެހި ފުލުހުން އޮތީ ސިއްރުކޮށްފައިކަން ހާމަވެއްޖެއެވެ.
ސިނަމާލޭ ހަލިމަގުގައި ބަހައްޓާފައި ހުރި ސޮލަރ ޕެލނަލްތަކުގައި ދަވާދުލުމުގެ މަސައްކަތްކުރުމަށް އެ ސަރަހައްދުގައި ހޮނިހިރު ދުވަހު ކޯން ޖަހާފައިވަނިކޮށް ބިދާސީ މީހާ ދުއްވާފައި އައި ސައިކަލް ކޯނެއްގައި ޖެހި އެމީހާ ވަނީ ހަލިމަގަށް ވެއްޓިފައެވެ. އޭގެ އިރުކޮޅެއް ނުވެ އެމަގުން ދުއްވާފައި އައި ސައިކަލެއް އެމީހާ ގައިމަތިން ގޮސްފައިވެއެވެ.
މިކަން ހާމަވެފައިވަނީ ރޭ މީސް މީޑިޔާގައި ދައުރުވާން ފެށި ސީސީޓީވީ ފޫޓޭޖުއަކުންނެވެ. ބެލެވޭ ގޮތުގައި އެއީ ހަލިމަގުގައި ބަހައްޓާފައި ހުންނަ ފުލުހުންގެ ސީސީޓީވީ ކެމެރާއެއްގެ ފޫޓޭޖެކެވެ.
އެ ފޫޓޭޖުގައި ފެންނަ ގޮތުގައި ފަހަތުން އައި ސައިކަލު ވަނީ ބިދޭސީ މީހާގެ ބޯ މަތިން ގޮސްފައެވެ. މިކަމާ ގުޅިގެން ނޫސްވެރިން ފުލުހުންގެ މީޑިޔާ ގްރޫޕުގައި ތަކުރާރުކޮށް ސުވާލުކުރުމުން އޭސީޕީ އަހުމަދު ޝިފާނު ވިދާޅުވެފައިވަނީ އެ މައްސަލައިގައި 60 އަހަރުގެ ދވެހި އަންހެނަކާ ސުވާލުކޮށް އެމީހާގެ ލައިސަންސް ހިފަހައްޓާ އެ މީހާ ދުއްވި ސައިކަލް ޓޯ ކޮށްފައިވާ ކަމަށެވެ.
ބިދޭސީ މީހާގެ ގައިމަތިން ސައިކަލެއް ދިޔަކަން ފުލުހުން ސިއްރުކޮށްފައި އޮތް ސަބަބާ ގުޅިގެން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ދީފައިނުވެއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރު ހިނގި އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.