
ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީގެ) ބޮޑުންގެ ތެރޭގައި އޮތީ ޖަންގަލީގެ އުސޫލުކަމަށް ވިދާޅުވީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރި ޖެނެރަލް، މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން ސަރުކާރު ހިންގާ ޕާޓީގެ އިސް ފަނޑިއަށް އަމާޒުކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމު ހިސާބެއް ޖަހާނަމަ ޖަހަންވީ ވަގުތަކީ މިހާރު ކަމަށެވެ. ބެލެވޭ ގޮތުގައި މަލީހު އެ އިޝާރާތްކުރެއްވީ ރައީސް މުހައްމަދު މުއިއްޒާ އަބދުއްރަހީމާ ދެމެދު ގުޅުން ހީނަރުވެ އަބްދުއްރަހީމު ފެއަށް ޖައްސަން އުޅޭކަމުގެ އަޑުގަދަވެފައިވާތީ އެކަމަށެވެ.
މަލީހު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ބޮޑުންގެ ތެރޭގައި އޮތީ ޖަންގަލީގެ އުސޫލު ކަމަށާ އެއީ އެއީ ބޮޑުއެތި ކުޑައެތި ކާލާ އުސޫލުކަމަށެވެ.
އެގޮތުން ރައީސް މުއިއްޒުގެ މުޅި މެޝިނަރީ މިސްރާބު ޖަހާފައި ހުރީ އަބްދުއްރަހީމު ކާޅަށް ދޭން ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ ނަމަވެސް އަބްދުއްރަހީމު މެމްބަރުންނަށް ދެމުން ދިޔަކަމަށް ބުނާ އެލަވަންސް އަދިވެސް ނުހުއްޓާ ކަމަށެވެ.
މަލީހު މިފަދައިން ޓްވީޓުކުރައްވާފައިވާއިރު، ގިނަ ބަޔަކު ގެންދަނީ އަބްދުއްރަހީމަށް ރައީސް މުއިއްޒު ދޯކާދީ އެއްފަރާތްކޮށްފި ކަމަށް ބުނަމުންނެވެ. އަދި އެއީ އަބްދުއްރަހީމު އަމިއްލައަށް ފޭހި އިލޮށި އަމިއްލަ ލޮލަށް ހެރުންކަމުގައި ގިނަ ރައްޔިތުން ސިފަކުރެއެވެ.










