

މާލޭގެ މާފަންނުގައި ހުންނަ ޝީ ބިލްޑިންގ ކުރިމަތީގައި ހުރި އިމާރާތެއްގައި ރޯވެއްޖެއެވެ.
ރޯވެފައިވަނީ ބުރުޒު މަގުގައި ހުރި މ.ހައުސްޕްލާޒާ ގޭގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. ހާދިސާ ހިނގީ އާދިއްތަ ދުވަހު ހެނދުނު 6:30 ހާ އިރުއެވެ.
އެ އިމާރާތަކީ މީހުން ނޫޅޭ ފަޅު ތަނެއް ނަމަވެސް ވަރަށް ބޮޑަށް އިމާރާތުގައި ރޯވެ އަނދަމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ.
އެމްއެންޑީއެފްގެ އަލިފާން ނިއްވާ އޮފިޝަލުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވެފައިވާއިރު ހެނދުނު 7:47 ހާއިރު އަލިފާން ވަނީ ފެން ޖަހާ ނިއްވާލާފައެވެ.
މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި. pic.twitter.com/H7S0BMUjXF
— Maldives National Defence Force (@MNDF_Official) February 9, 2025
މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އެ ހާދިސާއާ ގުޅިގެން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެންލުންވި ކަމަށް ބުނެފަ އެވެ.
ފެން މައްސަލަ ހައްލުކުރެވެންދެން ދެ ގެއަކުން ޖުމުލަ 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ. އެގޮތުން، ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދިން މީހުންގެ ތެރޭގައި 20 ބިދޭސީއަކު ހިމެނޭކަން އެ އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.