

ވައި ނުސާފުވެ ރާއްޖޭގެ އެއާ ކޮލިޓީ ލެވެލް ވަަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން އެއާ ކޮލިޓީ އިންޑެކްސް އޭ ކިއު އައީ އިން ދައްކައިފިއެވެ.
އޭ ކިއު އައި އިން ދައްކާ ގޮތުގައި މިއަދު ރާއްޖޭގެ އެއާ ކޮލިޓީ ހުރީ 153 ގައެވެ. އެެއީ ސިއްހަތައް ގެއްލުންވާ ލެވެލްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެއާ ކޮލިޓީ މި ލެވެލްގައި ހުރުމުން ކޮންމެ މީހަކަށްވެސް ސިއްހީ އަސަރުތައް ކުރިމަތިވާން ފަށައިފާނެއެވެ. އަދި ވަކިން ހާއްސަކޮށް އެޓް ރިސްކް މީހުންނަށް ސިއްހީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ.
އެގޮތުން ކުޑަކުދިންނާއި އުމުރުން ދުވަސް ވީ މީހުންނާއި، ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ގިނަ ވަގުތު ބޭރުގައި ބުރަކޮށް މަސައްކަތް ކުރުމުން ދުރުހެލިވާން އަދި މުޅިން ދުރުހެލި ނުވެވޭ ނަމަ ގަޑި މަދު ކުރުން މުހިންމުކަމަށް އޭ ކިއު އައިން މައުލޫމާތު ލިބެއެވެ.
ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން މީގެ ކުރިން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން ވައި ނުސާފުވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމު ކަމަށެް އެޗްޕީއޭ އިން ހާމަކޮށްފައެވެ.
ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.