
މޫނު ނުވާ ނުކޮށް ހެލްމެޓު އަޅައިގެން ކޮންމެ ތަނެއްގައިވެސް ދުއްވުމަކީ ކޮންމެ މީހަކަށްވެސް އޮންނަންވާނެ ހައްގެއް ކަމަށް، ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ހާމަކޮށްފިއެވެ.
ހެލްމެޓު އެޅުމަށް މަޖްބުރުކޮށްފައިވާ ހިސާބުތައް ފިޔަވާ އެހެން ހިސާބުތަކުގައި ހެލްމެޓު އަޅައިގެން ދުއްވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ދީފައެވެ.
އެ އިންޒާރަށް އިޝާރާތްކޮށް ވައްޑެ ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ހެލމްެޓު ނޭޅުމުން އެކްސިޑެންޓުވެ ފުރާނައަށް ނުރައްކާވަނީ ހަމައެކަނި ބުރިޖުއާ ހައިވޭ ނޫން ކަމަށެވެ.
ނަމަވެސް ފުލުހުންގެ އެ އިންޒާރާ އެކު ބުރިޖުން ދުއްވާ މީހުން ބިރުންވެސް ބުރިޖުން ފައިބަމުން ހެލްމެޓު ނަގާނެ ކަމަށާ ހެލްމެޓު ނަގަން މަޑުކުރާ ކުރުމުގައި ބުރިޖު ތޮއްޖެހި ޓްރެފިކުވެސް ޖޭމްވާނެ ކަން ވެސް ވައްޑެ ފާހަގަކޮށްފައިވެއެވެ.
ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.
އެ ފިޔަވަޅު އަޅަން ބުނިގޮތުގައި، ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމް ނޫން ސަރަހައްދުތަކުގައި، ކާކުކަން "ވަންހަނާކޮށް" ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓް އަޅައިގެން ބައެއް މީހުން އުޅޭ ކަން މިހާރަކަށް އައިސް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ނަމަވެސް ފުލުހުންގެ މި ނިންމުމާ އެކު ގިނަ ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔަމުންނެވެ.










