

ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
އެ ބައްދަލުވުމުގައި ބައެއް ކަންކަން ވަނީ ނިންމައިފަ އެވެ. އެއީ:
1- ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުން.
2- އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން.
އެސްޓީއޯ އިން ބުނީ މިއަދު އެކުލަވާލި ޖޮއިންޓް ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4،000 ބާވަތެއްގެ ބޭސް ހިމެނެ އެވެ. އެކަމަކު އެ ލިސްޓުގައި ނެތް ބޭސްތައް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާއިރު އޭގެ ސަބަބުން ބޭސް ހޯދަން އާންމުންނަށް ދަތިވާ ކަމަށް އެ އެސްޓީއޯ އިން ކުރިން ބުނެފައި ވެ އެވެ.
އާސަންދައިގެ ދަށުން ލިބެން ޖެހޭ ބޭސް އެސްޓީއޯގެ ބޭސް ފިހާރަތަކުން ނުލިބޭކަމުގެ ޝަކުވާ އާންމުން ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި ކުރަމުން ގެންދާއިރު ޝިމާދު މިކަމާ ގުޅިގެން ވިދާޅުވީ، އެހެން ދިމާވަނީ އެސްޓީއޯގެ ފާމަސީތަކުގައި ބޭސް ލިބެން ހުއްޓަސް، ގިނަ ފަހަރަށް ބޭހުގެ ބްރޭންޑާއި ބޭސް ސިޓީގައި ލިޔެފައި ހުންނަ ބްރޭންޑު ތަފާތު ވާތީކަމަށެވެ.