ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
ވަގުން ގިނަވެ، ކޮރަޕްޝަން އިންޑެކްސްގައި މުއިއްޒު ސަރުކާރު ތިން ދަރަޖަ ފަހަތަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ފެބްރުއަރީ 2025
މާލެ ސިޓީ

ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންގަނޑު ވަޒަންކޮށް، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން އެކުލަވައިލާ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ގައި ރައީސް ޑރ، މުއިއްޒުގެ ސަރުކާރު ތިން ދަރަޖަ ދަށަށް ޖެހިއްޖެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނީ، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީފީއައި)ގައި ރާއްޖެ އެއް ޕޮއިންޓު ދަށަށް ވެއްޓިފައިވާ ކަމަށެވެ. އެއީ، 39 ޕޮއިންޓުން 38 ޕޮއިންޓަށެވެ. މި އަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓު ލިބިފައިވާ ގައުމުތަކުގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ ސީޕީއައިގައި ރާއްޖޭގެ ސްކޯ 38 އަކަށް އެރުމުން ރާއްޖެ މިހާރު ރޭންކު ކުރެވިފައިވަނީ އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 96ވަނައަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އޭގެ ކުރީ 2023 ވަނަ އަހަރު ރާއްޖެ އޮތީ 93 ވަނައިގައެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް އަކީ ގައުމުތަކުގެ ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް އެކެވެ.

ކޮރަޕްޝަން އަށަގެންފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު އެކަކުން 100 އަށް ގިންތިކުރާ އެ އިންޑެކްސްގައި 100 ލިބޭނީ ހާލަތު އެންމެ ރަނގަޅު ގައުމަށެވެ. އަދި ސުމެއް ލިބޭނީ އެންމެ ހާލަތު ގޯސް ގައުމަށެވެ.

ދައުލަތް ހިންގުމުގައި ކޮރަޕްޝަން އެކުލެވިފައިވާ ކަމަށް ގަބޫލުކުރޭ މިންވަރު ދައްކުވައިދޭ އިންޑެކްސް ގައި ރާއްޖެ ތިން ދަރަޖަ ދަށަށް ޖެހުނުއިރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި މީގެ ގިނަ މައްސަލަތަކުގައި މުއިއްޒުގެ ސިޔާސީ ރަހުމަތްތެރިންގެ ބައިވެރިވުން ބޮޑުކަން ވަނީ ފާހަގަވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved