ގާނޫނު އަސާސީ / ސީއެންއެމް
ރިޕޯޓު
ފެހި ގާނޫނުއަސާސީގެ 19 ވަނަ މާއްދާ ހަނދާނަށް ގެންނަމާ!
Mariyam Isaadha
މަރިޔަމް އިސާދާ
12 ފެބްރުއަރީ 2025
މާލެ ސިޓީ

އިއްޔެ މުޅި ރާއްޖެ ގުގުމާލީ ހެލްމެޓު އެޅުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނަކުންނެވެ.

ގާނޫނާއި ގަވާއިދުތަކުން ލާޒިމް ކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުން ހުއްޓުވާނެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. މިހެން އަމަލުކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ހާމަކޮށްފައިވަނީ، ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން އުޅޭކަމަށް އެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ގަވާއިދުގައިވާ ގޮތުން އުޅަނދު ދުއްވަން އިންނަ މީހާ އާއި އޭނާގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމް ވަނީ 30 ކިލޯ މީޓަރަށް ވުރެ ބާރަށް ސައިކަލް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައެވެ. މާލެ ސަރަހަައްދުގައި ނަމަ އެއީ ސިނަމާލެ ބްރިޖާއި ބްރިޖުގެ ހައިވޭ (ހަލި މަގު)އެވެ.

މިއާ އެކު އާންމު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކރަން ފެށިއެވެ. އެގޮތުން ބުރިޖު ހުރަސްކޮށް އަންނަ މީހުންނާ ދާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ބުރިޖުން އަރާ ފޭބުމުގައި ހެލްމެޓު އަޅަން ހުއްޓަން ޖެހުމާ އަދި ހުއްޓާ ވަގުތު ބުރިޖުގެ ހަިއވޭ ތޮއްޖެހި ޓްރެފިކު ޖޭމްވާނެ ވުމެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި އެމީހުން މިހާރު ހޭނިފައިވަނީ ބުރިޖުން ފެށިގެން ދާންވާ ހިސާބަކަށް ގޮސް ނިމެންދެން ބޮލުގައި ހެލްމެޓު އަޅައިގެން ދިއުން ކަމަށެވެ. އަދި އޭގެ ސަބަބުން ރައްކާތެރިކަން ކަށވަަރުކޮށްދޭ ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އެހެނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ ބޮލަށް ގެއްލުންވެ މީހުން ނިޔާވެ ނުވަތަ ބުކުޅެދޭ މީހުންނަށް ވެފައިވަީ ހަމައެކަނި ބުރިޖުގައި ނުވަތަ ހައިވޭގައި ހިނގާފައިވާ އެކްސްިޑެންޓުތަކުގައި އެކަނި ނޫންވީމަވެސް މެއެވެ.

ކޮންެމެ އަކަސް މޫނު ނިވާނުކޮށް ހެލްމެޓު އެޅުމުމަކީ ގާނޫނަކުން މަނާކުރާކަމަކަށްވެސް ނުވާއިރު އެއް ބަޔަކު ކުރާ ކުށެއްގެ ސަޒާ އެންމެންނަށް ލިބުމަކީ އިންސާފުނޫން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އަދި ކުށްކުރާ މީހުން ހުއްޓުވާ ކުށް މަދުކުރުމަކީ އެއީ ފުލުހުންގެ މުއައްސަސާގެ ޒިންމާއަކަށްވާއިރު ކުށް މަދު ވެއްޓެއް ގާއިމުކުރުމުގައި ފުލުހުންގެ ގާބިލުކަން ނެތުމަކީ އެއީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން ޖެހޭ ކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

އެއްވެސް ގާނޫނެއްގައި މާލެތެރެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި އެ ނޫންވެސް ރަށެއްގައި ހެލްމެޓު އެޅުން މަނާކޮށްފައި ނުވެއެވެ. އެ ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ދުއްވާ މީހުން ބަލައި ފާސްކުރުމަށް ގާނޫނަކުން ވެސް ހުއްދަ ކޮށްފައި ނުވެއެވެ.

ހެލްމެޓު އަޅައިގެން ސައިކަލު ދުއްވުމަކީ މުޅި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުތަކާއި ގާނޫނުތަކުގެ ދަށުން ހިތްވަރުދޭ ކަމެކެވެ. ހެލްމެޓު އަޅަނީ ފުލުހުންނަށް ފިލާކަށެއް ނޫނެވެ. ހެލްމެޓު އަޅަނީ ދުއްވާ މީހާ އާއި މަގުން ދަތުރުކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ. އެކަން ފުލުހުންނަށް މަނައެއް ނުކުރެވޭނެއެވެ.

މަދަނީ މިނިވަންކަމާއި ހައްގުތައް ނުވަތަ ސިވިލް ލިބަޓީސްއަކީ ސަރުކާރުތަކުގެ ނުފޫޒުން ރައްޔިތުންނަށް ހިމާޔަތް ހޯދައިދޭން ގާނޫނުއަސާސީގައި ލިޔާ ހައްގުތަކެވެ. އެންމެ ފުރަތަމަ ހުދުމުހުތާރު ވެރިން އަންނާނީ މި މިނިވަންކަމާއި ހައްގުތަކުގެ ފަހަތުންނެވެ. ނުފޫޒަށް ފަހި މާހައުލެއް ގާއިމުކުރުމަކީ އެފަދަ ސަރުކާރުތަކުގެ މައިގަނޑު އަމާޒެވެ. މިވަގުތު ރާއްޖޭގައި އޮތް ސަރުކާރުން ވެސް އަމަލުކުރަމުން ދަނީ އެ މަގުންނެވެ. ޕޮލިސް ސްޓޭޓެއް ގާއިމުކުރުމުގެ ފިޔަވަޅުތަކުގެ މަތީންނެވެ.

އެހެންކަމުން މަދަނީ މިނިވަންކަމަށް އަރައިގަތުމުގެ ސިލްސިލާއެއް މި ސަރުކާރުން ފަށަފައިވާއިރު، ފެހި ގާނޫނުއަސާސީގެ 19 ވަނަ މާއްދާ ހަނދާނަށް ގެންނަމާތޯއެވެ؟

"އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެނެއް ނުވާނެ." މިއީ ފެހި ގާނޫނު އަސާސީގެ 19 ވަނަ މާއްދާ ލިޔެފައިވާ ޢިބާރާތެވެ. މި ޢިބާރާތް އެ މާއްދާގައި ލިޔެފައިވަނި ނުހަނު މަތިވެރި މަގްސަދެއްގައިކަން ޔަގީނެވެ.

ދިރިހުރުމުގެ ހައްގާއި، އިގުތިސޯދީ އަދި އިޖުތިމާއީ ހައްގުތަކާއި އަދި ވޯޓު ދިނުމާއި، އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުން ފަދަ އަސާސީ އެތަކެއް ހައްގުތަކުގެ ކުރިން ކަޅާއި ހުދުން އެ މާއްދާ ލިޔެފައި އޮތީ ބައިވަރު ސަބަބުތަކެއްގެ މައްޗަށް ބިނާކޮށެވެ.

އެ ހައްގަކީ ފިކުރު ކުރުމާއި ކަންކަމުގައި ޝާމިލުވެ އުޅުމަށް ބާރު އަޅާ ހައްގެކެވެ. އެއީ އުފެއްދުންތެރިކަމާއި ފަރުދީ ކުރިއެރުމާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ އަސާސީ ހައްގެވެ. އެއްވެސް ނުފޫޒެއް ނެތި އަމިއްލަ ދިރިއުޅުމާއި ގުޅޭ ކަންކަން ނިންމުމުގެ ހައްގު ކޮންމެ މީހަކަށްމެ އޮންނަން ޖެހޭނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved