ޕޮލްކޯ ފްލެޓުތައް / މިހާރު
ހަބަރު
ބްލޫސް ފްލެޓް ކޮރަޕްޝަން: ސާވަރ މައްސަލަ އަކާއި ގުޅިގެން ކޮރަޕްޝަނާއި ގުޅޭ މުހިންމު ލިޔެކިޔުން "ނެތް"!
Hussain Nawaf
ހުސައިން ނަވާފް
11 ފެބްރުއަރީ 2025

ފުލުހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކާއި ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން ބެލިއިރު އެ މައްސަލައިގެ މުހިންމު ލިޔުންތަކެއް ނެތްކަން އޮޑިޓާ ޖެރެނަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ބްލޫސް ހައުސިންގ ގެ ނަމުގައި ޕޮލްކޯ އިން ނޫމަޑި ކުންފުންޏާ ހަވާލުކޮށްގެން 2013 ވަނަ އަހަރު ކުރިއަށްގެންދިޔަ 13 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ހަވާލުކުރީ 580 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެ މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ޕޮލްކޯގެ އޮޑިޓް ހެދުމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރެވުނު ކަމާއި ނަމަވެސް އެކަމާ ގުޅޭ މުހިންމު ލިޔުންތައް ގެއްލިފައިވާ ކަމަށް އެ ކުންފުނީގެ ވެރިން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޕޮލްކޯއިން ހާމަ ކުރާ ގޮތުގައި އެ ލިޔުންތައް ގެއްލިފައި ވަނީ ސާވަރއަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އެ ފްލެޓްތައް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑިއާއެވެ. އިއުލާންނުކޮށް އަދި ޓެންޑާ ވެސް ކުރުމެއްނެތި ނޫމަޑިއާ ހަވާލުކުރުމަށްފަހު ފަހުން ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރި ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެ މަޝްރޫއުގެ ސަބަބުން ދައުލަތަށް ފައިދާވުމުގެ ބަދަލުގައި ފައިދާވީ އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު އަދި ނޫމަޑީގެ ރިޕްރެޒެންޓޭޓަރަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެގޮތުން މި މަޝްރޫއުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ. އަދި 240.1 މިލިއަން ރުފިޔާ އާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރަށް ޚަރަދުވެފައިވާކަމަށްވެސް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މައްސަލައިގެ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިކަން ފާހަގަކޮށްލެވެއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެންނަށް ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved