

މާލޭ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރަން އަމިއްލަ ކުންފުންޏަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިން ނަމަވެސް އެ މަސައްކަތް ނުނިމޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހޯދަން އެދުނު މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ދިނުމުންނެވެ.
ސިޓީ ކައުންސިލުން ދިން މައުލޫމާތުގައިވާ ގޮތުން މާލެ ސިޓީގެ ލިޔެކިޔުންތައް ޑީޖިޓަލައިޒު ކުރަން ދީފައިވަނީ "އެކުއަޓައިޒް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކަށެވެ. އެ މަސައްކަތް ހަވާލުކުރީ 17 މެއި 2022 އިން 16 މެއި 2022 ގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށްކަން ވެސް ހާމަވެފައިވެއެވެ. އޭރު މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 1،161،000 ރުފިޔާއަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެ ފައިސާ ދީފައި ވަނީ މަސައްކަތް ނުނިމެނީސް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
ދާދިފަހުން ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ސެކްޝަނެއް ހިންގި އިމާރާތަށް އަސަރުކޮށް މާލޭގެ ރައްޔިތުންގެ ގޯތީގެ ރަޖިސްޓްރީ ފަދަ މުހިންމު ލިޔެކިޔުންތަކެއް ވަނީ އަނދައި އަޅިއަށްވެފައެވެ.
އެހެންކަމުން މިފަދަ ކަންކަމާ ގުޅުން ހުރި މުހިއްމު ލިޔުންތައް ނެތިގޮސްފައިވާނެކަމީ ވުން އެކަށީގެން ވާ ކަމެކެވެ.
ރައީސް މުއިއްޒު މެޔަރުކަމުގައި ހުންނަވާ ގިނަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަވާފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާއިރު އެކަމުގައި ރައީސް މުއިއްޒަށް ވާގިވެރިވެ ފައިސާގެ މުއާމަލާތްތައް ބެލެހެއްޓީ ކުރީގެ ކައުންސިލަރ އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ރަމީޒުކަމަށް ވެސް އަޑު ފެތުރިފައިވެއެވެ.