March 20, 2026
Advertisement
އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
އިކޮނޮމިކް މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ / ރައީސް އޮފިސް

ރާއްޖޭގެ ޚަރަދުކުޑަކުރަން ފިޔަވަޅުތައް އަވަސްކުރަން ގޮވާލާއިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 12, 2025, 07:47 PM
މާލެ ސިޓީ

ރާއްޖޭގެ ޚަރަދުކުޑަކުރަން ފިޔަވަޅުތައް އަވަސްކުރަން ގޮވާލާއިފިއެވެ.

Advertisement

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ދަރަންޏާއި ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކޮށް ކަންކަން ރަނގަޅުކުރަން ވަގުތު ނެތް ކަން ހާމަކޮށްފައެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ނިޒާމު ޑައިރެކްޓް ސަބްސިޑީގެ ނިޒާމަކަށް ބަދަލުކުރަން ހިމަނާފައިވާއިރު އެ ގޮތަށް އެކަން ބަދަލުކުރަންޖެހޭ ފާހަގަކޮށް އައިއެމްއެފްގެ ވަފުދުން ވަނީމި އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އިގުތިސޯދު ފަސް ޕަސެންޓު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައެވެ.

ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމާއެކީ މުޅި އިގުތިސޯދަށް ވެސް އޭގެ މަންފާ ލިބި ރަނގަޅު ދުވެއްޔެއްގައި ކުރިއަރާފައިވާއިރު، މި އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް ނިންމާ އެއާޕޯޓު ހުޅުވިއްޖެ ނަމަ އެކަމުގެ ފައިދާތައް ވެސް އިގުތިސޯދަށް ކުރާނެ ކަމަށް އައިއެމްއެފުން ހާމަކޮށްފައިވެއެވެ.

އައިއެމްއެފްއިން އެންމެ ބޮޑަށް ބާރު އަޅާފައިވަނީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސްކުރުމަށެވެ.

މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުރިމަތިވާކަން އައިއެމްއެފް އިން ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އިސްކަންދޭނެ މަޝްރޫއުތަކެއް ކަނޑައެޅުމަށާއި ބައެއް މަޝްރޫއުތައް ހުއްޓާލަން ނޫނީ ކުޑަކުރަންޖެހޭ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނީ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީއަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރުން އިތުރުވުމާ ގުޅިގެން ނިޒާމީ ގޮތުން މާލީ ދާއިރާގައި ހުރި ހިރާސް ބޮޑު ކަމަށް އައިއެމްއެފުން ފާހަގަކުރިއެވެ.

ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓުގައި ހުރިއިރު، މި މައްސަލަ ހައްލުކޮށް ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އައިއެމްއެފްގެ ވަފުދުން ފާހަގަކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved