

އާންމު ޓެކްސީ ޑްރައިވަރުންނާއި ވާދައަށް ދައުލަތުން 24 ގަޑި އިރު ޓެކްސީގެ ހިދުމަތް ދޭނެކަން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ އެމްޓީސީސީން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަދެއްޖެއެވެ.
ދައުލަތުން ފަށަން ނިންމާފައިވާ ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އެކު ޓްރާންސްޕޯޓު މިނިސްޓްރީންވަނީ މިއަދު މީރު މާ ހޯލުގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް މެދުވެރިކޮށްށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހާއްސަ އެޕްލިކޭޝަނެއް ނެރިގެންނެވެ. އަދި މި ހިދުމަތަކީ ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށް ފަރުމާ ކުރާނެ ހިދުމަތެއްކަން ޓްރާންސްޕޯޓު މިނިސްޓްރީންވަނީ ފާހަގަކޮށްފައެވެ.
އެއާއިއެކު އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ދާނެކަން އެމްޓީސީސީންވަނީ ހާމަކޮށްފައެވެ. އަދި މިހާރުވެސް ޓެކްސީގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ފަރާތްތަކަށް އެ ހިދުމަތް ދެމުން އަންނަ ގޮތަށް ދެވޭނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް ވެސް ސަރުކާރުގެ ޓެކްސީ ލައިންއާ ގުޅިގެން ހިދުމަތް ދިނުމުގެ ފުރުސަތު ލިބޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.
އެގޮތުން ދައުލަތުން ޓެކްސީގެ ހިދުމަތް ދޭން ފެށުމާއިއެކު އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވެއެވެ.