ރައީސް އަޒުލުކުރުން ހުއްޓުވަން ސުޕްރީމު ކޯޓުން ނެރުނު އަމުރާ ގުޅިގެން މަޖިލީހުގެ ރައީސް ނުރުހުން ފާޅުކޮށްފިއެވެ.
މަޖިލިސް ރައީސް މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާގައެވެ.
މި މަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި އެ މައްސަލައިގައި އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރުމަށް ބަހުސަށް ވަގުތު ހުޅުވާލުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ނިންމައި މަސައްކަތްތައް ގެންދަން ޖެހޭނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށެވެ. އަދި މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރާކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެން އެއްވެސް މުއައްސަސާއަކުން، އެހެން އެއްވެސް ބާރަކުން ރައްޔިތުންގެ މަޖިލީސް ހިންގާނީ މިވެނި ގޮތަކަށޭ ބުނުމުގެ ބާރު ލިބިގެންވާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަދި އެކަން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ގޮތެއްގެ މަތިން.
އަސްލަމް މިފަދައިން ވިދާޅުވި ނަމަވެސް ކޯޓުގެ އަމުރަށް އިހުތިރާމް އަދާކުރުމުގެ ގޮތުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔައީ ހުސް ގޮނޑިވެސް ގުނައިގެންނެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ 18 ޑިސެމްބަރުގައި ގެނެސްފައިވާ ތިން އިސްލާހު ވެސް ބާތިލުކޮށްދިނުމަށް އެދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގަ އެވެ. ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެންދެން އިސްލާހުތަކަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަންގައެވެ.
ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނު ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދަކުން ވިޔަސް ގާނޫނުއަސާސީއާ ހިލާފަށް އަމަލުނުކުރެވޭނެ ހިނދު، މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.