ދަރާފައި އޮތް ފެނަކައަށް 14 މަސް ތެރޭ 44 މިލިއަން ދައްކަން ހުކުމެއް / ފެނަކަ ކޯޕަރޭޝަން
ހަބަރު, ވިޔަފާރި
ދަރާފައި އޮތް ފެނަކައަށް 14 މަސް ތެރޭ 44 މިލިއަން ދައްކަން ހުކުމެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 ފެބްރުއަރީ 2025
މާލެ ސިޓީ

އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައި އޮތް ފެނަކަ ކޯޕަރޭޝަނުން 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުން ފެނަކައާ ދެކޮޅަށް ކޯޓުގައި ދައުވާކުރީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލަށްވާ 44 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެވެ.

އަގުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ހޯދަން ވެސް ހުށަހަޅާފައިވެ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކްލެސިކޯ އާއި ފެނަކައިން ވަނީ ގެއްލުމުގެ ބަދަލުގެ ބައި ދޫކޮށްލައި މުދަލުގެ އަގަށްވާ ފައިސާ މަހުން މަހަށް ދައްކާ ގޮތަށް އެއްބަސްވެފަ އެވެ.

އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދެ ފަރާތުން އެއްބަސްވި ގޮތަށް 14 މަސް ތެރޭގައި 44 މިލިއަން ރުފިޔާ ކްލެސިކޯ އަށް ފެނަކަ އިން ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށެވެ.

ފެނަކައަށް މީގެކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން އިއްވާފައިވެ އެވެ. އެ ކުންފުންޏަކީ އެންމެ ބޮޑަށް ދަރާފައި އޮތް ސަރުކާރު ކުންފުންޏެވެ.

މި ހުކުމާއެކު, އެތައް ބިލިއަން ރުފިޔާގެ ދަރަނި އޮތް ފެނަކައިގެ މައްޗަށް ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ކުރި ހުކުމްތަކުގައި ހިމެނޭ ފައިސާގެ އަދަދު 100 މިލިއަނަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved