

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް ވަގަަށް މީހުން ވައްދާ މައްސަލަ ބޮޑުވެ ރައްޔިތުން އެކަމާއި ގުޅިގެން ނުރުހުން ފާޅު ކުރުމުން އިލެކްޝަންސް ކޮމިޝަން އީސީން އީފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.
އީސީން މިއަދު ގެޒެޓު ކުރި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ އިސްލާހުގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3،000 މީހުންގެ ފޯމާއި މިހާރު ހުރި ޕާޓީތަކަށް މެންބަރުން އިތުރުކުރަން ފޯމު ހުށަހެޅޭނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަލަށް ގެނައި އިސްލާހާއި އެކު ސިމެދަ ޕޯޓަލްއިން ޕާޓީއަކަށް މީހަކު ވެއްދުމުން އެ މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އެކަން އިއުލާނުކުރަން ޖެހެއެވެ.
އެގޮތުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަކަށް ބެލެހެއްޓުމަށް ވެސް ގަވާއިދުގެ ދަށުން މަޖުބޫރު ކުރެއެވެ.
ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަންކަން ތަހުގީގުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށާ ފުލުހުންގެ އިދާރާއަށް އަދި އިލެކްޝަން ކޮމިޝަންގައި ވެސް އެމްޑީޕީއިން ވަނީ ކުރިން އެދިފައެވެ.
ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން 75،000 މެންބަރުން ހަމަ ކުރުމަށް މިދިޔަ އަހަރު ހިންގި މެންބާޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ.
ބައެއް ފަރާތްތަކަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ރެޖިސްޓްރީ ކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ އީސީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމް އެޕްރޫވް ކުރުމުގައި އަމަލުކޮށްފައިވާ އުސޫލާއިމެދު ސުވާލު އުފައްދަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.