

މަޖިލީހުގެ ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅައިފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ.
ސިނާން އާއި އަދި އިތުރު ބަޔަކާ ގުޅިގެން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިންގ ފެސިލިޓީއަށް ފައިސާ ނުދައްކައިގެން ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ.
މި ފެސިލިޓީއަށް ފައިސާ ދައްކަމުން ނުގެންދާތީ މޯލްޑިވްސް އިސްލާމިކް ބޭންކުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.
އަދި މި މައްސަލައިގައި ކޯޓުން ހުކުމް ކުރެއްވީ 14 އޮކްޓޯބަރު 2024 އެވެ. ހުކުމުގައި ސާބިތުވާ 2.5 މިލިއަން ރުފިޔާ 6 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ މިންވަރަށް ވުރެ މަދުނޫން އަދަދެއް މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަމުން ގޮސް މިފައިސާ ދައްކައި ނިންމުމަށްވަނީ އަމުރުކޮށްފައެވެ.
އެގޮތުން ސިނާނުގެ ގޮނޑި ގެއްލުނުކަމަށް ކަނޑައަޅައި ދިނުމަށް އިސްލާމިކް ބެންކުން ސުޕްރީމް ކޯޓުގައި އެދުނީ ޙުކުމާއި އެެއްގޮތަށް ސިނާން ފައިސާ ނުދައްކާތީއެވެ.