އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ - / ޖޭއެސްސީ
ހަބަރު
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 ފެބްރުއަރީ 2025
މާލެ ސިޓީ

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން އުޅުއްވާ ކަހަލަ އިޝާރާތެއް ދެއްވައިފި އެވެ.

ވަކީލުކަމުގެ ހުވާ އަލަށް މިއަދު ކުރެއްވި ވަކީލުންނާ މުހާތަބު ކުރައްވައި ނަސޭހަތް ދެއްވަމުން މުއުތަސިމް އަދުނާން ވިދާޅުވީ އެފަދަ ޖަލްސާއެއްގައި އެ ހައިސިއްޔަތުން ދެން އެމަނިކުފާނު ނުފެނިދާނެ ކަމަށެވެ.

އަޅުގަނޑުގެ އަޑު ވެސް މިހާރު މި ހުރީ ވަރަށް މަޑުކޮށް. އެކަމަށް މާފަށް ވެސް އެދެން. އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލާނީ އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް

- އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 32 އަހަރުވެފައިވާ ކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަ މި ދާއިރާއިން ނުކުންނެވި އިރާ މިހާރު ކަންކަން އޮތް ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

މުއުތަސިމް ވިދާޅުވީ ވަކީލުކަން ކުރާއިރު، ވަރަށް ބައިވަރު އިތުރު މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ސިއްރު މައުލޫމާތު ސިއްރު ގޮތުގައި ހިފަހައްޓައި މީހުންގެ އިތުބާރު ހޯދަން މަސައްކަތް ކުރުމަށް އަލަށް ވަކީލުންނަށްވި ބޭފުޅުންނަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅު ގޯސްވެގެން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. އެފަހަރު ފަރުވާ ދިނީ އެ މަނިކުފާނުގެ މައިބަދައަށް އެރި ތަދަކާ ގުޅިގެނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved