

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ހަރަދު ކުޑަ ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އިން އަނެއްކާވެސް މިއަދު ގޮވާލައިފިއެވެ.
މާލީ ހާލަތާ ގުޅޭ އަހަރީ ރިޕޯޓު ތައްޔާރުކުރަން މި މަހު 3 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް އައިއެމްއެފްގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެ ރިޕޯޓުވަނީ މިއަދު އާންމުކޮށްފައެވެ.
ދަތުރަށް ފަހު އެ ވަފުދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮދްސްރިވިބޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސަބަބުން އިގުތިސާދު ކުރިއަރާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން ފަތުރުވެރިކަން ކުރިއަރާނެކަން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރު އިންފްލޭޝަން ވެސް 2.3 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ދަރަނި ކުޑަވާން ނެތް ކަމަށާއި އެހެންވެ، ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެއެވެ.
އަދި ސަބްސިޑީތައް ޓާގެޓުކުރުމާއި ސީދާ ގޭބިސީތަކަށް ލިބޭ ގޮތަށް ބަދަލުކުރުން އަވަސްކުރަން ވެސް ގޮވާލައިފައެވެ. އޭގެ ތެރޭގައި ކުންފުނިތައް ރިފޯމްކުރުމާއި އާސަންދަ ރިފޯމްކުރުން ހިމެނެއެވެ.