ޕޮލްކޯ ފްލެޓު / މިހާރު
ހަބަރު
ޕޮލްކޯ އޮފީހަށް ދެވަނަ ފަހަރަށް އޭސީސީއިން ވަދެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
19 ފެބްރުއަރީ 2025
މާލެ ސިޓީ

ހުޅުމާލޭގައި ފުލުހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ހައުސިން ޔުނިޓްތައް ކަމަށްވާ ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަން އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ފުލުހުންގެ ޕޮލްކޯ އޮފީހަށް އަނެއްކާވެސް ވަދެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއި މި މައްސަލައިގައި އޭސީސީއިން އެ އޮފީހަށް ވަތް ދެ ވަނަ ފަހަރެވެ. އޭސީސީއިން އެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރަކާ އެކު ކަމަށްވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއިން އިސްކަންދަރުކޮށީގައި ހުންނަ ޕޮލްކޯ އޮފީހަށް ވަދެފައި ވަދެފައިވަނީ ތަހުގީގުކުރަމުންދާ މައްސަލައާ ގުޅޭ ލިޔުންތަކެއް ހޯދައި އެ ލިޔުންތައް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހެއްކާ ގަރީނާ ހޯދުމަށް ޕޮލްކޯއަށް ބުދަ ދުވަހު އެކޮމިޝަނުން ވަދެފައިވާކަން އޭސީސީއިން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް އެކޮމިޝަނުން ހާމަކޮށްފައިނުވެއެވެ.

މި ތަހުގީގަކީ 2013 ވަނަ އަހަރު ޕޮލްކޯއާ ހަވާލުކުރެވުނު "ބުލޫސް ހައުސިން މަޝްރޫއޫ" އާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގެކެވެ.

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ އެތައް ގުނައެއް އަގުބޮޑުކޮށް މި މަޝްރޫއު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވާ މައްސަލަ ސަމާލުކަމަށް އައުމާއެކު ތަހުގީގު ފަށާފައިވާ ކަމަށާއި، ހާއްސަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީއިން ކުރިން ހާމަކޮށްފައިވެ އެވެ.

މި މައްސަލަ މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން ވެސް ދަނީ ދިރާސާ ކުރަމުންނެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ މަޖިލީހަށް ހާޒިރު ކުރެވުނު ދުވަހު ވިދާޅުވެފައި ވަނީ ޕޮލްކޯގެ ސާރވާއަށް ދިމާވި މައްސަލައަކާ ގުޅިގެން މަޝްރޫއާ ގުޅުންހުރި ގިނަ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ޕޮލްކޯގެ މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.

ޕޮލްކޯގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved