

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެކަމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަން "ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހަކު "ތޭރަ އޮންލައިން" އަށް ކިޔައިދީފައިވާ ގޮތުގައި، "ހެކްސްޓަރ ގްލޯބަލް" އަކީ މެލޭޝިއާގެ ކުންފުންޏެއް ކަމަށް ވީ ނަމަވެސް މި ޕްރޮޖެކުޓުގެ ހުރިހާ ބާރެއް ކޮންޓްރޯލު ކުރަނީ ރާއްޖޭގައި "ހެކްސްޓަރ މޯލްޑީވްސް ޕްރައިވެޓު ލިމިޓެޑް"ގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުންނެވެ.
އެގޮތުން ކުރިން އިއުލާންކުރުމަކާ ނުލާ 36 މިލިއަން ޑޮލަރުގެ އަގަކަށް، އެވޯޑުކުރި މި ޕްރްޖެކްޓުގެ ފަހަތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ހާޝިމްގެ ބައިވެރިވުން ނުހަނު ބޮޑުކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ނަމެއްގައި ޕްރޮޕޯސަލްއެއް ތައްޔާރުކޮށްފައިވީ ނަމަވެސް އަދި މެލޭޝިއާ ކުންފުނީގެ ފަރާތުން ދިވެއްސަކު މަޝްރޫއުގެ ކަރުދާހުގައި ސޮއިކޮށްފައިވާއިރު މިކަމުގައިވެސް ވަނީ ބޮޑު އޮޅުވާލުމެކެވެ. އެގޮތުން މި ކަރުދާހުގައި ސޮއިކުރި ދިވެހި މީހާއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ، އަލީ ޝަރީފު ކަމަށްވާއިރު އޭނާއަކީ ސްޓޭޓު މިނިސްޓަރު ހާޝިމްގެ ގާތް މީހެއް ކަމަށްވެއެވެ. އަދި ރައީސް އޮފީހުގެ ޗީފު އޮފް ސްޓާފު އަބްދުﷲ ފަޔާޒުއާ ވެސް އަލީ ޝަރީފާ ގާތް ހުޅުން އޮންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރުދާހުގައި މެލޭޝިއާ ކުންފުނީގެ ނަން އޮތް ނަމަވެސް މި ޕްރޮޖެކޓުގެ ހުރިހާ ފައިދާއެއް ނަގަނީ ރާއްޖޭގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ "ހެކްސްޓަރ މޯލްޑީވްސް ޕްރައިވެޓު ލިމިޓެޑް" އެވެ.
މި ޕްރޮޖެކްޓު ހެކްސްޓަރ ގްލޯބަލްއަށް އެވޯޑުކުރި ކަމަށް ބުނާއިރު އެ ކުންފުންޏަކީ އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް އަދި ހުނަރެއް ލިބި މީގެ ކުރިން އެއްވެސް ގައުމެއްގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން ވެސް ވަނީ ހާމަވެފައެވެ.
ހެކްސްޓަރ ގްލޯބަލްއަކީ ބައޯ ކެމިކަލް އުފެއްދާ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުންޏަކީ ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާ އެކި ބާވަތްތަކުގެ ކެމިކަލް އުފެއްދުމުގެ އިތުރުން ބައޯ ގޭސް އުފައްދާ ވިއްކާ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ދިރާސާ ކުރުމަށް ފަހު ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް އެ ކުންފުންޏަކީ އިމާރާތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެއް ނޫނެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގެ މަޝްވަރާތައް ކުރިއަށް ދިޔައިރު ދުވަހަކުވެސް މެލޭޝިއާ ކުންފުނީގެ ފަރާތުން މީހަކު ބައިވެރިވެފައިނުވާ ކަމަށާ އަބަދުވެސް ބައްދަލުވުންތަކުގައި ބައިވެރިވަނީ އަލީ ޝަރީފު ކަަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް މެލޭޝިއާގެ ކުންފުނީގެ ފަރާތުން މީހަކު ނައިސްގެން ވަޒީރު އާދަމް ޝަރީފު އުމަރު ހިތްޕުޅާ ނުވެ މައްސލަ ޖެއްސިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ސްޓޭޓު މިނިސްޓަރު ހާޝިމް ވަނީ އެކަންވެސް އެކި ބަހަނާ ދައްކަވާ އޮއްބާލާފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ހާޝިމްއަކީ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒުގެ ކެމްޕެއިންނަށް އޯޓީޕީ ރެސްޓޯރަންޓު ދޫކުރި ދޫކުރުމާ ގުޅިގެން ވަޒީފާ ދީފައި ހުންނަ މީހެއް ކަމަށްވެސް ވެއެވެ.
އެހެންކަމުން 55 ކައުންސިލް އެޅުމުގެ ނަމުގައި ސަރުކާރުން ކުރިއަށް މިގެންދަނީ ބޮޑު ސްކޭމެކެވެ. މިއީ މިދިޔަ ސަރުކާރުން ކޮވިޑު ތެރޭގައި ގެންނަން ނިންމި ވެންޓިލޭޓަރުތަކުން ކުރި ވައްކަން ފަދަ ބިޔަ ސްކޭމެކެވެ.