

ތިމަން މަނިކުފާނުގެ ވެރިކަމުގެ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންނަށް ކަމަށާ ފޮރުވާނެ ކަމެއް ވަންހަނާ ކުރާނެ މައުލޫމާތެއް ސަރުކާރުގެ ނިންމުމެއް ނޯންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.
އެގޮތުން ރައްޔިތުން ނޭނދޭ ގޮތަކަށް ވެރިކަން ނުކުރާނެ ކަމަށާ ރައްޔިތުންގެ ބާރުތަކާ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވީ ރައީސް މުއިއްޒެވެ. މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް މި ލަވަ އެހެން ރާގަަށް ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް އިންތިހާބަށްފަހު ފެނިގެން ދިޔައީ ރިޔާސީ އިންތިހާބަށް ފަހު ވެސް ފެނުނު މަންޒަރެވެ. އެގޮތުން ކީހާ ޅެން ފަރިއްސަށްވެ ކުރިން ބުނި ހުރިހާ އެއްޗެއް ކެންސަލް ކުރަމުން ދިޔަ މަންޒަރު ތަކުރާރުވިއެވެ.
ތަސްވީރު ބަލާނީ ތަސްވީރު ބުނާހެން ކަމަށްވާތީ ރައްޔިތުން ގެންދިޔައީ ސަރުކާރުން ދައްކަމުން ދިޔަ މަންޒަރުތަކާ އެކު ސަރުކާރުގެ ބުރަދަން މިނެކިރާ ވަޒަން ކުރަމުންނެވެ. ބަހަކީ ބުނުމުގެ ކުރިން ތިމާގެ އަޅަކަށްވާއިރު ބަސް ބުނުމަށް ފަހު ތިމާ އެ ބަހެއްގެ އަޅަކަށް ވެގެންދާ ކަން މިއީ ރައީސް މުއިއްޒު ހަނދުމަފުޅު ނެތް ކަމަކީ ކަމަށްވެސް ވުން އެކަށީގެންވެއެވެ.
ނަމަވެސް މޮޅެތި ސްޕީޗުތައް ލިޔުއްވައިގެން އެކި ޕޯޑީއަމްތަކަށް އަރާ ވަޑައިގެން ރިޔާސީ އިންތިހާބުގައާއި އަދި މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް އެކި ހަފްލާތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތައް ނިކަން ރަގަޅަށް ރައްޔިތުން ތިބި ނަކަލުކޮށޤ ހިނދުރީގައި ބަހައްޓައިގެންނެވެ.
ކަން މިހެން އޮތްއިރު އިންތިހާބުތަކާ ކައިރިވުމުން ރައީސް މުއިއްޒުގެ އަނެއް ފުށް ދައްކަވާ ހަކުރު ދެންޏާ ބޮޑު ބޭބެ އުސޫލުން ވޯޓު ދިނިއްޔާ ރައްޔިތުން ގާތްވާނެ ކަން ހާމަކުރަން އަނެއްކާވެސް ފައްތަވައިފިއެވެ. ނަމަވެސް މިއީ 21 ގަރުނު ކަމުން ރައްޔިތުން ތިބީ ނުހަނު ހޭވެރިކަންވެ ތަންދޮރު އޮޅުން ފިލާފައެވެ. ރައްޔިތުންނަށް ރައްޔިތުންގެ ބާރު ރައީސް މުއިއްޒު ނުދެއްވާކަން އެ ރައްޔިތުންނަށް ސާފުކޮށް ފެންނަމުން ދެއެވެ.
ރަށް ރަށަށް ދާއިރާއަށް ކަންކަން ވާން ބޭނުން ނަމަ ޕީއެންސީ މެމްބަރުން މަޖިލީހަށް ހޮވާދޭށޭ ވިދާޅުވެ ރައްޔިތުން އެހެން އެކަން ކުރުމުން އެ މެމްބަރުން ކަސްތޮޅު އަޅުވާ ބަނދެލީ ގޮނޑި ގެއްލޭ ގާނޫނަކުންނެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމުން ރައްޔިތުންނަށް ކާމިޔާބުވާނެކަން އެނގިވަޑައިގެންނެވުމުން ފަނޑިޔާރުންތަކެއް ލަފުގައި ހިފާ ނަގާ ހުރާލީ އަތު ކޮޅަށެވެ.
މި ހުރިހާ ކަމެއް ރައްޔިތުންގެ ލެންސުން ބަލަން ނިކަން ރަގަޅަށް ތިއްބާ އަނެއްކާވެސް ރައީސް މުއިއްޒު އަރައިގެންނެވީ ރައްޔިތުންގެ އިންތިހާބީ ހައްގަކަށެވެ. އެގޮތުން އެ ރައްޔިތުން ހޮވާ ކައުންސިލަރުންގެ ބާރު ކަނޑުވާލީ އެންމެ ފަހު އަހަރު އެއްވެސް މަސައްކަތެއް ނުކުރެވޭނެހެން ގާނޫނެއްގެ ވައި ފަށަކުން ބަނދެލަމުންނެވެ.
ލާމަރުކަޒީ ނިޒާމު ހިންގާނީ ސަރުކާރުގެ އެހީތެރިކަމާ އެކީ، ރައްޔިތުންގެ ފުރިހަމަ ބާރާއި ތަމްސީލުކުރުމާއެކު ކަމަށާއި "ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ" ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގެންނެވުމުން ކެންސަލް ކުރަމުންނެވެ.
ވައުދު ފަނޑުވެ، ލާމަރުކަޒީ ނިޒާމުގެ މުޅި މަފުހޫމަށް ލޮޅުން އަރުވާލައި، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ކައުންސިލްތަކުގެ ބާރު އަތުލަން ރައީސް މުއިއްޒު މަގުކޮއްޓަވައިފިއެވެ.
ލާމަރުކަޒީ ނިޒާމު ހިންގުމުގައި، ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ވަކި މިނިސްޓްރީއެއް އުފެއްދެވިކަމަށް ވިދާޅުވެ މެޑަލް ޖައްސަވާ ރައީސް މުއިއްޒު ރަށްރަށުގެ ކައުންސިލަރުންގެ ބާރު ކަނޑުވާލީ ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރައްވަމުންނެވެ.
އެހެންކަމުން ކުރިން ދެ އިންތިހާބާ ދިމާކޮށް ލާމަރުކަޒީ އުސޫލާ ގުޅިގެން އެ ދެއްކެވި ވާހަކަފުޅަކީ ރައްޔިތުންގެ ހިތް އަތުލަން ދުއްވި ބިސް މަޅިއަކަށްވާއިރު، އަނެއްކޮޅުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމަނިކުފާނު ލާމަރުކަީ އުސޫލަށް ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މިގެނައި ބަދަލަކީ މިއީ އެމަނިކުފާނު އެމަނިކުފާނުގެ ކަށްވަޅު އަމިއްލައަށް ކޮނެ ސަންދޮކަށް ޖެއްސެވި ފަހު މޮހޮރުކަމަށްވެސް ވުން އެކަށީގެންވެއެވެ. އެހެނީ ރައްޔިތުންގެ އިތުބާރު މިހާ ހިސާބުން އެމަނިކުފާނަށް އެއްކޮށް ގެއްލުނީއެވެ. ރައްޔިތުންނަށް އޮތް ހުރިހާ ބާރެއް އެމަނިކުފާނުގެ މުށުތެރެއަށް ލާ ބާރުކޮށްލުމުންނެވެ.