

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ވަކި ގޮތެއް ނުނިމި ފުލުސް އޮފީހުގައި ބާއްވާފައި އޮންނަަތާ ދެ މަހެއްހާ ދުވަސް ވެއްޖެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސާޖު ޕާލާއެއްގައި ހުންނެވި ކަމަށް ބުނެ ލަތީފް ހައްޔަރުކުރިކަން ފެންމަތިވީ މި ހަފުތާ ތެރޭގައެވެ. އެއީ އަޒްމިރަލްދާ ވެސް އިންނަވައިގެން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަން ފަށާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް ޕީޖީ އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ވަނީ ފަށައިފައެވެ. މިހާ ލަސްވަމުންދާ އިރު ވެސް މައްސަލަ ފައިލްނުކޮށް މި މަރުހަލާގައި މައްސަލަ ބޭއްވުމަށް ލަފާ ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަޒުމިރަލްދާ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ޝޯޝަލް މީޑިއާގައި ތުހުމަތުތަކެއް އަމާޒުކޮށްފައިވެއެވެ.