

ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން، ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރު ހޮޅުދޫ ދާއިރާގެ އަބްދުއްސައްތާރު މުހައްމަދު އެވެ.
މިފަދަ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗަށް މި ބަދަލު މި ގެންނަނީ އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ބަދަލުކުރަން ނޫޅޭކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓު އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް 2014 ވަނަ އަހަރު ބެންޗުގެ އަދަދު ވަނީ ފަހަކަށް މަދުކޮށްފަ އެވެ. އޭގެ ފަހުން 2019 ގައި ބެންޗުގެ އަދަދު އަނެއްކާވެސް ވަނީ ހަތަކަށް ބަދަލުކޮށްފަ އެވެ.
މިހާރު ތިއްބެވީ ރައީސް ސޯލިހު ސަރުކާރުން އައްޔަންކުރި ފަނޑިޔާރުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.