

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކުޅެން ސަރުކާރުން އުޅޭ ދަނޑިވަޅެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސަރުކާރުން ބަދަލެއް ގެނެސްފި އެވެ.
ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ ކޮމިޝަނުން ވަކިކޮށް އެ މަގާމަށް ޔަޒްމީދު މުހައްމަދު މިއަދު ވަނީ އައްޔަނުކޮށްފަ އެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮންނަ ޖޭއެސްސީއަށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ މެންބަރެއްގެ ގޮތުގައި ސަމީރު އައްޔަނުކުރީ ނޮވެމްބަރު 23، 2023 ގަ އެވެ.
ސަމީރު މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއްނުކުރެއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި އޭނާ ވަކިކުރުމަށް ފަހު ޖޭއެސްސީގައި ރައީސް ތަމްސީލު ކުރުމަށް ޔަޒްމީދު އައްޔަނުކޮށް މަގާމުގެ ފަތްކޮޅު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ ބިލް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.