

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
އެ ބިލްގައި ހުށަަހަޅާފައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މިހާރު އެ ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފަ އެވެ.
އެގޮތުން ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސުޕްރިމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ނުފޫޒުފޯރުވުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ ބިލް މަޖިލީހުން ފާސްވެގެން ގޮސްފި ނަމަ، ގާނޫނުއަސާސީން އެކަށައަޅާފައި ތިން ބާރު ވަކިވެފައި އޮތުމުގެ ނިޒާމު ރޫޅި، ގާނޫނުއަސާސީ އެކަށައަޅާފައިވާ އެންމެހައި ހަމަތަކަށް ބުރޫއަރާ، މުޅި ދައުލަތުގެ އެންމެހައި ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެން ދާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.