އެމްޑީޕީން ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު / އެމްޑީޕީ
ހަބަރު
ބެންޗު ފަހަކަށް ބަދަލުކުރުމަކީ މުޅި ޖުޑިޝަރީގެ މިނިވަންކަމަށް ދޭ ހަމަލައެއް: ފައްޔާޒު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ފެބްރުއަރީ 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް މަދު ކުރަން މަސައްކަތް ކުރުމަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް ކޯޓުތަކުގެ ގާނޫނު ބަދަލުކުރަން މަޖިލީހަށް ބިލެއް ވެއްދީ ރެ އެވެ. އެކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ.

މިއީ ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް. ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދުކުރުމަށް،

- ފައްޔާޒު

ފައްޔާޒު ވިދާޅުވީ ސަރުކާރުން ގެންނަން އުޅޭ އިސްލާހަކީ، ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް ކަމަށެވެ.

އަދި ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މި ސަރުކާރުން ގެނައި އިސްލާހަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ މައްސަލަ ހުށަހެޅުމާއެކު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.

އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved