ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވާތީ، 5 މަސް ފަހުން މަޖިލީހަށް ކުއްލި މައްސަލައެއް
Hussain Nawaf
ހުސައިން ނަވާފް
25 ފެބްރުއަރީ 2025

5 މަހަށް ވުރެ ގިނަ ދުވަސް ވި އިރު ވެސް ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގު ކޮޅެއްގައި ނުޖެހި ދިގު ދެމިގެންދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސެވެ.

ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މާލެ ގެނައުމަށްފަހު ޕޯސްޓްމޯޓަމް ނުހަދާ އަނބުރާ ރަށަށް ގެންގޮސް ވަޅުލާފައިވާއިރު މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ. މި ހާދިސާއަށް 5 މަހަށް ވުރެއް ގިނަ ދުވަސް ވީ އިރުވެސް އިންސާފު ނުލިބުމުގެ ސަބަބުން އާއިލާ އާއި ރަށުގެ ރައްޔިތުންގެ ނުތަނަވަސްކަން ބޮޑުވެ މިއަދު އުޅެން ޖެހިފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ޒަހަމްތަކާ އެކީ ކަމަށް ވާއިރު ތަހުގީގީ އިދާރާތަކުން އަނބުރާ ޒަކިއްޔާ ޕޯސްޓްމޯޓަމް ނުހަދައި ފޮނުވާލުމަކީ އާއިލާ އާއި ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ރައްޔިތުން އެދި ގޮވާލާ އެއްވުންތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ނަފްސާނީ ބިރުވެރިކަމެއްގައި ތިބި ރައްޔިތުނަށް ލިބެނީ އިތުރު ތަކުލީފެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށް އެ ކަން މިހާރުން މިހާރަށް ހުއްޓުމަކަށް ގެނައުމަށްވަނީ ގޮވާލާފައެވެ.

ހަމައެހެންމެ ޒަކިއްޔާގެ މަރުގެ ތަހުގީގު ލަސްވެގެން އުޅޭ ސަބަބެއް ދެނެގަނެ އެ ސަބަބު ނައްތާލައި ތަހުގީގު އަވަސްކޮށް ކުށް ކުރި ފަރާތަށް އަދަބު ދިނުން އަވަސް ކުރުމަށްވަނީ އެ ކުއްލި މައްސަލައިގައި ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved